ޕީއެންސީގެ ލީޑަރޝިޕާއި މުޅި ޕާޓީ އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި ސާބިތުކަމާއެކު ކަމަށް މި ސަރުކާރުގެ ކުރީގެ ފިނޭންސް މިނިސްޓްރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޫސާ ޒަމީރު ވިދާޅުވީ ޕާޓީގެ އެންމެ އިސް އަމާޒަކީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުން ކަމަށެވެ.
އަދި މި މަސައްކަތްތަކާއެކު، 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ޕީއެންސީން މިހާރު ތައްޔާރުވަމުން އަންނަކަން މޫސާ ޒަމީރު ފާހަގަކުރެއްވިއެވެ. ޒަމީރު އިތުރަށް ވިދާޅުވީ، 2028 ވަނަ އަހަރުގެ އިންތިޚާބުގައި ވެސް ޕީއެންސީގެ ލީޑަރެއްގެ ގޮތުގައި އަދި ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވާނީ ރައީސް ޑރ. މުއިއްޒު ކަމަށެވެ.
މިކަމުގައި ޕާޓީގެ ހުރިހާ މެންބަރުންނާއި މަޖިލިސް މެންބަރުން ތިއްބެވީ ރައީސްގެ ޒައާމަތަށް ފުރިހަމައަށް ތާއީދުކޮށްގެން ކަމަށް ޒަމީރު ވިދާޅުވިއެވެ.




