މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކޮށް އީޖާދީ ވަސީލަތްތައް ގާއިމްކުރުމަށް އެހީތެރިވުމުގެ ގޮތުން ”ވިލުންވެށި ގްރާންޓް ޕްރޮގްރާމް“ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
އިއްޔެ އިފްތިތާޙުކުރި މި ޕްރޮގްރާމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ މާލީ އެހީތެރިކަމާއެކު، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ހިންގާ މަޝްރޫއެކެވެ.
މި ގްރާންޓް އިފްތިތާޙުކޮށްފައިވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އިން އިއްޔެ ބޭއްވި ”އެޑްވާންސިން ދަ ނެޝެނަލް އެޑެޕްޓޭޝަން ޕްލޭން އޮފް ދަ މޯލްޑިވްސް“ ފޯރަމްގެ ތެރެއިންނެވެ.
މިއީ ”އެންހާންސިން ކްލައިމޭޓް ރިސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓް“ ގެ ދަށުން ތިން މަޝްރޫއަކަށް ބަހާލައިގެން، މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކޮށް ދެމެހެއްޓެނިވި އިގްތިސާދީ ފުރުސަތުތައް ފަހިކުރުމަށް ގައުމީ ފެންވަރުގައި ހިންގާ ހަރަކާތެކެވެ.
މި ސްކީމްގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު ތިން ދާއިރާއަކުންނެވެ. އެއީ:
1. ވަކިވަކި ފަރުދުންނަށް ދޫކުރާ ކުދި އެހީތައް
2. މުޖުތަމައުތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޭ އެހީ
3. މުއައްސަސާތަކުން ހިންގާ ނަމޫނާ މަޝްރޫއުތަކަށް ދޭ އެހީ
މި ޕްރޮގްރާމްގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދަނޑުވެރިކަމާއި، ޑިޖިޓަލް އަދި ތިމާވެއްޓާ ރައްޓެހި އައު އީޖާދުތަކުގެ އިތުރުން، އުފެއްދުންތެރިކަން އިތުރުކޮށް ކާނާގެ މިންވަރު މަތިކުރުމަށް މާލީ އެހީތެރިކަން ދިނުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން އުފެއްދުންތައް މާކެޓްކުރުމުގެ އައު ގޮތްތައް ތައާރަފްކުރުމަށް ވެސް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، ”ވިލުންވެށި ގްރާންޓް ޕްރޮގްރާމަކީ މޫސުމީ ބަދަލުތަކަށް ހޭނުމަށާއި، ކާނާގެ ރައްކާތެރިކަމާއި، އަދި ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީއަށް މަގުފަހިކޮށްދޭ އައު އީޖާދީ ޚިޔާލުތައް ހުރި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ލިބިގެންދާ މުހިންމު ފުރުސަތެއް“ ކަމަށެވެ.
އަދި އަމާޒަކީ ރަށު ފެންވަރުގައި އާމްދަނީ ހޯދުމުގެ ފުރުސަތުތައް އިތުރުކޮށް، މުޖުތަމައުތައް ބާރުވެރިކުރުވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.




