ސިނގިރޭޓަކުން ނަގާ ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން މިއަދު ބަލައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޫނު ބަހުސްތަކެއް ކުރުމަށް ފަހު އެ ބިލް ބަލައިގަންނަން ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަަރުންގެ އިއްތިފާގުންނެވެ.
ބިލް ފާސްކުރުން ހިމެނޭހެން މިއަދުގެ ޖަލްސާގައި ނެގި އެއްވެސް ވޯޓެއްގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ތަޅުމުގައި ހިނގި ޒުވާބުތަކަށް ފަހު އެމްޑީޕީގެ ބައެއް މެންބަރުންގެ ނަން އިއްވައި ބޭރުކުރި އިރު ބައެއް މެންބަރުން ވަޑައިނުގަންނަވައެވެ.
ސިނގިރޭޓްގެ ޑިއުޓީ ކުޑަކުރުމަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި އެ ބިލު ދިރާސާކުރާނީ މުޅި މަޖިލީހުގެ ކޮމިޓީން ކަމަށް ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމެވި އެވެ.
މުޅި މަޖިލީހުގެ ކޮމިޓީއަށް ދިއުމަކީ އާއްމު ގޮތެއްގައި ބިލެއްގެ މަސައްކަތް އަވަސްކުރަން މަޖިލީހުގައި އަމަލުކުރާ އުސޫލެކެވެ.
ސިނގިރޭޓްގެ ޑިއުޓީ ކުޑަކުރާ ބިލަށް މިއަދުގެ ޖަލްސާގައި ކުރި ބަހުސް ހޫނުވެ، އެއް ޕާޓީން އަނެއް ޕާޓީއަށް ވައްކަމުގެ ތުހުމަތުތައް ވެސް ކުރިއެވެ.
ބަހުސްގައި ޕީއެންސީގެ މެންބަރުން ވިދާޅުވީ ސިނގިރެޓްގެ ޑިއުޓީ ސަރުކާރުން އޭރު ބޮޑުކުރީ ވޭޕް މަނާކުރުމާ އެކު ގިނަ ބަޔަކު ސިނގިރެޓަށް ބަދަލުކޮށްފާނެތީ ކަމަށެވެ. ނަމަވެސް އެހެން އެކަން ނުވާކަން ދިރާސާތަކުން އެނގިފައިވާ ކަމަށް އެ މެމްބަރުން ވިދާޅުވިއެވެ.



