ފުވައްމުލަކު ސިޓީގައި އަލަށް ބިނާކުރި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފި، ކުރިއަށް އޮތް ހުކުރު ދުވަހުގެ ހަވީރު ހުޅުވުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިޢުލާން ކުރައްވައިފިއެވެ.
މި މަރުކަޒަކީ 2022 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ޢިމާރާތް ކުރަމުން އައި ތަނެކެވެ.
މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ، މި މަރުކަޒު ހުޅުވުމާއެކު ފުވައްމުލަކު ސިޓީގައި ޤުރުއާން ހިފްޒު ކުރުމުގެ ޕްރޮގްރާމްތައް އިތުރަށް ފުޅާކޮށް، ކިޔަވައިދޭނެ މުދައްރިސުންގެ އަދަދު ވެސް އިތުރު ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން، ފުވައްމުލަކު ސިޓީގައި އިސްލާމިކް ސެންޓަރެއް ބިނާކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި، އެ ސެންޓަރުގެ ޑިޒައިން ނިމި މިހާރު ވަނީ ސިޓީ ކައުންސިލްގެ ލަފަޔަކަށް ފޮނުވާފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިސްލާމިކް ސެންޓަރުގެ މަސައްކަތް ނިމުމުން، މިހާރު ހުޅުވާ ޤުރުއާނާބެހޭ މަރުކަޒު ބަދަލުވެގެންދާނީ ވަޤުފު ބިނާއަކަށެވެ. އަދި މިތަނުން ލިބޭ ފައިސާ ޚަރަދު ކުރާނީ ފުވައްމުލަކު ސިޓީގެ ދީނީ އެކި ކަންކަމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިސްލާމިކް ސެންޓަރު ނިމުމުން ޤުރުއާނާބެހޭ މަރުކަޒުގެ ޚިދުމަތްތައް އެ ސެންޓަރަށް ބަދަލުކުރުމަށް ވަނީ ރޭވިފައެވެ.
ދައުލަތުގެ ބަޖެޓުން 12 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ބިނާކުރި މި މަރުކަޒަކީ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ތަނެކެވެ. މި އިމާރާތުގެ ގްރައުންޑް ފްލޯގައި އޮޑިޓޯރިއަމަކާއި، ލައިބްރަރީއެއްގެ އިތުރުން މީޓިން ރޫމެއް ހިމެނެއެވެ. އަދި ފުރަތަމަ ފަންގިފިލާގައި ހަތަރު ކްލާސް ރޫމާއި، އެއްފަހަރާ 30 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައާއެކު ނަމާދުކުރާ ބައެއް ވެސް ވަނީ ޤާއިމްކޮށްފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.



