މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް އަންނަ ބުދަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދަނީ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ 4 ސެގްމެންޓެއްގެ މަސައްކަތެވެ.
މިއަހަރުގެ މާރޗް މަހު ފެށި މި މަސައްކަތުގެ ތެރެއިން ސެގްމެންޓު 3، 4 އަދި 5 ގެ ގާތްގަނޑަކަށް ހުރިހާ މަސައްކަތެއް ނިމި، ތާރު އެޅުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. މިއީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް އޮންނަ ސަރަޙައްދެވެ.
މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރްވަސް ޢަބްދުﷲ ފާއިޒް ވިދާޅުވީ، ޕޭމަންޓު ހެދުމުގެ ނުނިމި ހުރި ބައެއް މަސައްކަތްތައް ކުރިއަށްއޮތް ދެ ދުވަހެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި ތާރު އެޅުމަށް ބޭނުންވާ މެޝިނަރީޒްތައް މޮބިލައިޒްކުރުމުގެ މަސައްކަތް އަންނަ މަހުގެ 1 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ކާނިވަލްގެ ޕާކިން ޒޯނާ ހަމައަށް އޮންނަ ސަރަޙައްދު ބަންދުކުރުމަށް ވަނީ ނިންމާފައެވެ. ޝަރްވަސް ވިދާޅުވީ މިވަގުތު ޕްލޭން ކުރަނީ ތާރު އެޅުމަށް ބޭނުންވާ މެޝިނަރީޒް މޮބިލައިޒްކުރުމާއި ޖުލައި 1 ގައި ފެށުމަށް ކަމަށާއި، ތާރު އަޅާނީ ދެބަޔަކަށް ބަހާލައިގެން ކަމަށެވެ. އަދި ފުރަތަމަ ތާރުއަޅާނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް ކަމަށް ޝަރްވަސް ވިދާޅުވިއެވެ.
މީގެ އިތުރުން ސެގްމެންޓު 2 ގެ ޝީޓްޕައިލް ކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށުމަށް ތައްޔާރުވަމުންދާއިރު، މަސައްކަތް ކުރިއަށްދާ ސަރަޙައްދުގެ ހުރިހާ މަސައްކަތެއް ޖުލައި 26 ގެ ކުރިން ނިންމާލުމަށް އެމްޓީސީސީން ދަނީ މަސައްކަތް ކުރަމުންނެވެ.




