ހދ. ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން ނަން ނޯޓުކުރުމުގެ ފުރުސަތު، ހިރިމަރަދޫ ބެލެހެއްޓުމާ މިހާރު ހަވާލުވެފައިވާ ހަނިމާދޫ ކައުންސިލުން އިއްޔެ ހުޅުވާލައިފިއެވެ.
ހިރިމަރަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހޯރަފުށީ ކައުންސިލްގެ އާންމު ޖަލްސާއަކުން ނިންމައި، ހިރިމަރަދޫ ރައްޔިތުންނަށް އެ ރަށަށް ބަދަލުވުމަށް ދައުވަތެއް ދީފައިވާ ކަމަށެވެ.
މިއީ ހޯރަފުށީގެ ކުރީގެ ކައުންސިލްގެ ދައުރު ނިމެން ގާތްވެފައި ވަނިކޮށް، މިދިޔަ މާޗް 27 ވަނަ ދުވަހު ނިންމާފައިވާ ނިންމުމެކެވެ.
އެ ނިންމުމާއެކު ހޯރަފުށީ ކައުންސިލުން އޭރު ފޮނުވި ސިޓީއަކާ ހަވާލާދީ ހަނިމާދޫ ކައުންސިލުން ބުނީ ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ނަން ނޯޓުކުރުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ނަން ނޯޓުކުރަން ބޭނުންވާ މީހުން ހަނިމާދޫ އަވަށު އޮފީސް (ކުރީގެ ހިރިމަރަދޫ ކައުންސިލް އިދާރާ) އަށް ނުވަތަ ހަނިމާދޫ ކައުންސިލަށް ހާޒިރުވެގެން ނަން ނޯޓުކުރެވޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ކައުންސިލްގެ މެއިލް ނުވަތަ ފޯނު ނަމްބަރު 4002064 އަށް ގުޅައިގެން ވެސް ނަން ނޯޓުކުރެވޭނެ ކަމަށް ބުންޏެވެ.
ހޯރަފުށީ ކައުންސިލުން ބުނީ އެ ރަށަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ މީހުންނަށް ގޯތި ދޭން ނިންމީ ކުރީގެ ކައުންސިލުން ކަމަށް ވާއިރު އާ ކައުންސިލުން އެކަމާ މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ ރައްޔިތުންގެ އަދަދަށް ބަލައި އެއްބާރުލުން ދޭނެ ކަމަށެވެ.


