”އަގުމަގު“ ޕޯޓަލް މެދުވެރިކޮށް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުދާ ވިއްކަން ހުރި އަގުތައް އަންނަ މަހުގެ ތެރޭގައި އާންމުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާޢީލު ރިފާޢު ހާމަކުރެއްވި ގޮތުގައި، އަންނަ ޖުލައި މަހުގެ ނިޔަލަށް މި މަޝްރޫޢުގެ ބޮޑުބައެއް ނިންމާލުމަށް ވަނީ އަމާޒުކޮށްފައެވެ. އަދި އަތޮޅުތެރޭގެ ފިހާރަތަކުގެ ޕޮއިންޓް އޮފް ސޭލްސް (ޕީއޯއެސް) ސިސްޓަމްތައް ސީދާ މި ޕޯޓަލްއާ ގުޅާލުމުން، ވަގުތުން ވަގުތަށް ބާޒާރުގެ އަގުތައް ރައްޔިތުންނަށް ފެންނަމުންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
އާންމު ރައްޔިތުންނަށް މި ޚިދުމަތް އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން ޚާއްސަ މޮބައިލް އެޕްލިކޭޝަނެއް ފަރުމާކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. ސްޓޭޓް މިނިސްޓަރ ވިދާޅުވި ގޮތުގައި، މި އެޕްލިކޭޝަން ވެގެންދާނީ ވެބް ޕޯޓަލްގައި ނުހިމެނޭ ގިނަ އައު ފީޗަރތަކަކާ އެކު، ވަރަށް ފަސޭހައިން ބާޒާރުގެ އަގުތައް އަޅާކިޔައިލެވޭނެ ޒަމާނީ މަންސައަކަށެވެ.
މިހާތަނަށް މި ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނަނީ ހަމައެކަނި މާލެ ސަރަޙައްދުގެ ފިހާރަތަކުންނާއި މާރުކޭޓުތަކުން އިކޮނިމިކް މިނިސްޓްރީގެ އިންސްޕެކްޝަން ޓީމުތަކުން އަމިއްލައަށް އެއްކުރާ މައުލޫމާތެވެ. ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ އަސާސީ ކާބޯތަކެތީގެ އަގުތައް އެންމެ ހެޔޮކޮށް ލިބެން ހުންނަ ތަންތަން ދެނެގަތުމަށް މި ޕޯޓަލް މުހިންމު ދައުރެއް އަދާކުރެއެވެ.



