ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން ސްޓޭޓް އޮފް ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އަށް ކަނޑައަޅުއްވާ ސަފީރުން މިއަދު އައްޔަން ކުރައްވައިފިއެވެ.
އެގޮތުން ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ރައީސް އައްޔަން ކުރެއްވީ ރ. ފައިނު، ޗަމަން / އަލްފާޟިލް އާދަމް ޝަރީފު ޢުމަރެވެ. އަދި ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އައްޔަން ކުރެއްވީ ގ. ނޫމަރާހިޔާ / އަލްފާޟިލް ޠާރިޤު އިބްރާހީމްއެވެ.
އާދަމް ޝަރީފަކީ މި ސަރުކާރުގެ ކުރީގެ ސިޓީތަކާބެހޭ މިނިސްޓަރެވެ. އަދި ޠާރިޤަކީ މި ސަރުކާރުގެ ކުރީގެ އެންވަޔަރަމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރެވެ.
ސަފީރުންނަށް މަޤާމުގެ ފަތްކޮޅު ރައީސް މުޢިއްޒު ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
އާދަމް ޝަރީފާއި ޠާރިޤު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ އޭޕްރީލް މަހު ބޭއްވި ކައުންސިލް އިންތިހާބުގެ ނަތީޖާއަށް ފަހު ސަރުކާރުގެ ހިންގުމަށް ބަދަލު ގެނައުމަށް ނިންމަވާ، ކެބިނެޓުގެ ބައެއް މިނިސްޓަރުން އިސްތިއުފާ ދެއްވުމަށް ރައީސް އަންގެވުމުންނެވެ.
އޭގެ ފަހުން ޠާރިޤާއި އާދަމް ޝަރީފް، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކުރެއްވިއެވެ.
ސަފީރުކަމަށް އައްޔަންކުރުމަށް އެ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވީ މިދިޔަ މަހު އެވެ.



