ރަށްގިރުމުން ސަލާމަތްވުމަށާއި ގޮނޑުދޮށްތައް ހިމާޔަތްކުރުމުގައި ގުދުރަތީ ވަސީލަތްތަކުގެ އެހީގައި ހައްލު ހޯދުމުގެ ސިޔާސަތުތަކަށް އިސްކަންދޭންޖެހޭކަމަށް ހައުސިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރ މިފަދައިން ވިދާޅުވީ ޤައުމީ ތަމްރީނު ޕްރޮގްރާމް ”ވިލުންތެރި ބިނާރު“ އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެއެވެ.
ނާޒިމް ވިދާޅުވީ، ބާރުވެރި މުޖުތަމައަކަށް ވުމަށްޓަކައި، އެންމެންގެ ބައިވެރިވުން ހިމެނޭ އަދި ތިމާވެއްޓާ ރައްޓެހި ނިޒާމަކަށް ވާންޖެހޭކަމަށެވެ. ދައުލަތުގެ އާންމު ވަސީލަތްތަކާއި ބިނާވެށި ތަރައްގީކުރަންވާނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުގައި ޝާމިލުކުރުމުގެ ގައުމީ އެކްޝަން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، ހުރިހާ ފަރާތްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ ފަދަ މަގުތައް ފަހިވެފައިވާ ގޮތަކަށްކަމަށް ނާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން ރަށްގިރުމުން ސަލާމަތްވުމަށާއި ގޮނޑުދޮށްތައް ހިމާޔަތްކުރުމުގައި ގުދުރަތީ ވަސީލަތްތަކުގެ އެހީގައި ހައްލު ހޯދުމުގެ ސިޔާސަތުތަކަށް އިސްކަންދޭންޖެހޭކަމަށް ނާޒިމް ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ އިންފްރާސްޓްރަކްޗަރ ފޯ ރެސިލިއަންޓް އައިލެންޑް ސްޓޭޓްސް، އައިއާރްއައިއެސް ޕްރޮގްރާމްގެ ދަށުން، ކޯލިޝަން ފޯ ޑިޒާސްޓަރ ރެސިލިއަންޓް އިންފްރާސްޓްރަކްޗަރސް އިންފްރާސްޓްރަކްޗަރ ރެސިލިއަންސް އެކްސެލެރޭޓަރ ފަންޑު، ސީޑީއާރްއައި – އައިއާރްއޭއެފްގެ މާލީ އެހީތެރިކަމާއެކު ހިންގާ ޕްރޮގްރާމެކެވެ.




