ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ވަކިން ބައްދަލުކުރަން ބޭނުންވާ ދިވެހި ރައްޔިތުންނަށް އެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ”ނޭޝަން ޗެޓް“ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮންމެ ހަފްތާއެއްގެ އެއް ދުވަހު ނުވަތަ ދެ ދުވަހު ވަކި އުސޫލެއްގެ ދަށުން ރައްޔިތުންނާ ބައްދަލުކުރެއްވޭނެ އިންތިޒާމުތައް މިހާރު ހަމަޖައްސަމުންދާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ބައްދަލުވުންތައް ކުރިއަށް ގެންދާނީ ރާއްޖޭގެ އިންތިޚާބީ ދާއިރާތައް ވަކިވަކިން ބަހާލައިގެން، ކޮންމެ ދާއިރާއަކުން ވެސް ވަކި އަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރެވޭ ގޮތަށެވެ. މިގޮތުން 93 ދާއިރާގެ ރައްޔިތުންނާ ބައްދަލުކޮށް ނިންމުމަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ނަގާފާނެ ކަމަށް އެމަނިކުފާނު ލަފާކުރެއްވިއެވެ.
”މިސާލަކަށް މިއަދު އޮންނާނީ މާފަންނު އުތުރު ދާއިރާގެ އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން ވަގުތު އޮންނަ ވަރަކުން، އުސޫލުގެ ތެރެއިން ފުރުސަތު ލިބިގެންދާ އެންމެނާ ބައްދަލުކުރުން. ދެން އަންނަ ދުވަހު އަނެއް ދާއިރާ،“ ރައީސް ވިދާޅުވިއެވެ.
ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވަމުން ރައީސް ފާހަގަކުރެއްވީ، ކުރިއަށް އޮތް ތަނުގައި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ވެސް ކައުންސިލްތަކުގެ އިތުރުން އާންމު ރައްޔިތުންނާ ބައްދަލުކުރުމަށް ވަގުތު ހުސްކުރައްވާނެ ކަމަށެވެ.
މީގެ ކުރިން ބޭއްވި ބައްދަލުވުންތަކުގައި ރައްޔިތުންގެ ފަރާތުން އެންމެ ބޮޑަށް ހުށަހެޅިފައިވަނީ ބޯހިޔާވަހިކަމުގެ ޝަކުވާތައް ކަމަށާއި، އެކަންކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނާ ހަމައަށް އަންނަ ކޮންމެ ހުށަހެޅުމަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ ކަމަށެވެ.
”އަޅުގަނޑު ވަރަށް ސަމާލުކަން ދެން، ވަރަށް ސީރިއަސްކޮށް ނަގާ ކަމެއް ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެޑްރެސް ކުރުން،“ ރައީސް ވިދާޅުވިއެވެ.
އަދި މަސައްކަތް ހުންނަ ގޮތުން އެމަނިކުފާނަށް ވަކިވަކިން ބައްދަލުނުކުރެވޭ ހާލަތްތަކުގައި، ރައީސް އޮފީހުގެ މިނިސްޓަރުން މެދުވެރިކޮށް ރައްޔިތުންގެ ޝަކުވާތައް އަޑުއަހައި، އެކަންކަމަށް ގޮތްތަކެއް ނިންމަވަމުން ގެންދަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.




