ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމަށްޓަކައި ސިވިލް ސޮސައިޓީ މެދުވެރިކޮށް ގައުމީ ފެންވަރުގެ ބޮޑު ޕްރޮގްރާމެއް ފެށުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ ”ނޭޝަން ޗެޓް“ ގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ މައިގަނޑު މަގުސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރު މުޖުތަމައެއް ގާއިމުކުރުން ކަމަށެވެ. އެގޮތުން ރަށްރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެ ފަރާތްތައް ބާރުވެރިކުރުވުމަށް ހާއްސަ ނެޝަނަލް ޕްރޮގްރާމެއް ފަރުމާކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”މީގެ ހުރިހާ ވެސް މަގުސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުން، އެއީ މިއާ އެކީ އަޅުގަނޑުމެން އެބަ ފަށަން ސިވިލް ސޮސައިޓީ އެމްޕަވާ ކޮށްދޭ ވަރަށް ބޮޑު ނެޝަނަލް ޕްރޮގްރާމެއް ވެސް. މާނައަކީ އެކި ކަހަލަ ޖަމިއްޔާ، ޖަމާއަތްތައް ރަށްރަށުގައި މަސައްކަތްކުރަން އެ މީހުންނަށް އަޅުގަނޑުމެން އެކި ކަހަލަ ކަންކަން ފަހިކޮށްދޭނަން އަދި ފައިސާގެ އެކި ކަހަލަ އިނާމުތައް ދިނުން، ނޫނިއްޔާ އެކި ކަހަލަ އިންސެންޓިވް ދިނުން ވެސް މީގައި ހިމެނޭނެ،“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި މިއީ ވަށާޖެހޭ ސިޔާސަތެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ޕްރޮގްރާމްގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ވަސީލަތްތަކުން ނަގާ ޑިއުޓީ ކަނޑާލުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ސިނގިރެޓުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑިއުޓީއަށް ގެންނަ ބަދަލުތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހަދާފައިވާ ދިރާސާތަކާއި އެ ޖަމިއްޔާގެ ތާވަލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.


