އަރިއަތޮޅު ދެކުނުބުރީގައި ކަނޑުގެ ދިރުންތައް ހިމާޔަތްކޮށްފައިވާ ސަރަޙައްދު ނުވަތަ ”ސަމްޕާ“ އަށް ޚާއްޞަ ގައިޑުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ދަށުން، އިތުރު 12 ބައިވެރިއަކު ގައިޑް އިމްތިހާނު ފުރިހަމަކުރުމާއެކު، އެ ސަރަޙައްދުގެ ސެޓިފައިޑް ގައިޑުންގެ ޖުމްލަ އަދަދު 636 އަށް އަރާފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) އަކީ ފަރުތަކާއި އޮއިވަރު ހުންނަގޮތުން ގިނައިން ޕްލޭންކްޓަން ޖަމާވާ ސަރަޙައްދެކެވެ. މީގެ ސަބަބުން ދުނިޔެއިން ނެތިދިއުމުގެ ބިރުހީވެފައިވާ ފެހުރިހި އޭގެ ކާނާ ހޯދުމަށާއި ހަށިގަނޑުގެ ފިނިހޫނުމިން ރެގިއުލޭޓްކުރުމަށް އެ ސަރަޙައްދަށް ވަރަށް ގިނައިން ތިލަވެއެވެ.
ވަކި މޫސުމެއްނެތި ފެހުރިހި ފެންނާތީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ފަތުރުވެރިން މި ސަރަޙައްދަށް ޒިޔާރަތްކުރެއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ފެހުރިހީގެ ގާތްގަނޑަކަށް %70 އަށް އުޅަނދުފަހަރުގެ ބުރަފަތިން ޖެހި އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. މިފަދަ ހާދިސާތައް މަދުކޮށް، އެ ސަރަޙައްދުގައި ހިންގާ ހަރަކާތްތައް ހަރުދަނާ އުސޫލެއްގެ ދަށުން މޮނިޓަރކުރުމަށްޓަކައި ވަނީ މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލާފައެވެ. މި ޕްލޭންގެ ދަށުން އެ ސަރަޙައްދަށް ފަތުރުވެރިން ގެންދެވޭނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދޫކުރާ ސަންޕާ ގައިޑް ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ.
ސަމްޕާގެ ސެޓިފައިޑް ގައިޑަކަށް ވުމަށް ބޭނުންވާ ފަރާތްތަކަށް ކޮންމެ ބުދަ ދުވަހަކު މާލެއާއި، އދ. މާމިގިލީގައި އިމްތިހާނު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިމްތިހާނުން ފާސްވުމަށް %75 އަށްވުރެ މަތިން މާކްސް ހޯދަންޖެހޭއިރު، އިމަޖެންސީ ފަސްޓް ރެސްޕޮންސް ފުރިހަމަކޮށްފައިވުމާއި، ރެސްކިއު ޑައިވަރ ނުވަތަ ސްނޯކަލް ގައިޑް ނުވަތަ ލައިފްގާޑް ސެޓްފިކެޓް އޮތުން ލާޒިމްކަމަށް ވުޒާރާއިން ވިދާޅުވިއެވެ.
މި އިމްތިހާނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން SAMPa@environment.gov.mv އަށް އީމެއިލް ކުރުމަށް ވުޒާރާއިން ވަނީ އެދިފައެވެ. އަދި މިހާރު ސެޓިފައިވެފައިވާ ގައިޑުންގެ ލިސްޓު އެ ވުޒާރާގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ.
މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި، ދިވެހި ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ފަންނީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރަމުންދާ މުހިންމު މަސައްކަތެކެވެ.




