ފުވައްމުލައް ސިޓީގައި އަލަށް އިމާރާތްކުރި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ފުވައްމުލަކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސަޢުދާންއެވެ.
މި ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީ ކައުންސިލާއި، ރަށުގެ މުއައްސަސާތަކުގެ އިސް ފަރާތްތަކާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
ދައުލަތުގެ ބަޖެޓުން 12 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ބިނާކުރި މި މަރުކަޒަކީ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ތަނެކެވެ. މި އިމާރާތުގެ ގްރައުންޑް ފްލޯގައި އޮޑިޓޯރިއަމަކާއި، ލައިބްރަރީއެއްގެ އިތުރުން މީޓިން ރޫމެއް ހިމެނެއެވެ. އަދި ފުރަތަމަ ފަންގިފިލާގައި ހަތަރު ކްލާސް ރޫމާއި، އެއްފަހަރާ 30 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ އޮތް ނަމާދުކުރާ ބައެއްގެ އިތުރުން ޙިފްޒު ޓެސްޓު ރޫމެއް ވެސް ވަނީ ޤާއިމުކޮށްފައެވެ.
މި މަރުކަޒު ހުޅުވުމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިއާއެކު ފުވައްމުލައް ސިޓީގައި ޤުރްއާން ހިފްޒުކުރުމުގެ ކްލާސްތައް އިތުރުކުރެވޭނެ ކަމަށާއި، އެ ކަމަށް ބޭނުންވާ މުދައްރިސުންވެސް އިތުރުކުރައްވާނެ ކަމަށެވެ. އަދި ސަރުކާރުގެ ތަޞައްވުރަކީ މުޅި ރާއްޖޭގައި ޤުރުއާނުގެ ޢިލްމު ފުޅާކޮށް ޙާފިޒުން ބިނާކުރުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ފުވައްމުލައް ސިޓީގައި ސަރުކާރުން ބިނާކުރަން ނިންމާފައިވާ އިސްލާމިކް ސެންޓަރުގެ މަސައްކަތް ނިމުމުން، މިހާރު ހުޅުވި ޤުރްއާން މަރުކަޒު ވަޤުފު ބިނާއަކަށް ބަދަލުކުރެވޭނެ ކަމަށެވެ. އެ ބިނާ ކުއްޔަށް ދީގެން ލިބޭ ފައިސާ ޚަރަދުކުރާނީ ސިޓީގެ ދީނީ ކަންކަމުގެ ތަރައްޤީއަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފުވައްމުލަކު އިސްލާމިކް ސެންޓަރުގެ ޑިޒައިން ކޮންސެޕްޓް މިހާރު ވަނީ ކައުންސިލަށް ފޮނުވާފައެވެ.



