ޒުވާން ޚަޠީބުން ތަމްރީން ޕްރޮގްރާމުގެ 4 ވަނަ ޕްރޮގްރާމު ފުރިހަމަކުރި ބައިވެރިންނަށް މިއަދު ސަނަދު ހަވާލުކޮށްފިއެވެ.
މި ބުރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 82 ފަރާތަކުން ބައިވެރިވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ މަޤްޞަދަކީ ރާއްޖޭގެ ރަށްތަކުގައި ޚުޠުބާ ކިޔާނެ އިމާމުން ލިބުމުގައި އޮތް ދަތިކަން ފިލުވުމާއި ކުރިއަށް އޮތް އިސްލާމީ ޤަރުނުގައި ރާއްޖޭގައި އިސްލާމީ ޝިޢާރު ފާޅުކުރާނެ ހަރުދަނާ ޖީލެއް ބިނާކުރުންކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ޒުވާން ޚަޠީބުންގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 600 އަށް ވުރެ ގިނަ ޒުވާނުން ސަނަދު ހޯދާފައިވާކަމަށެވެ. އަދި ރާއްޖޭގެ ހާފިޒުންގެ އަދަދު މިހާރު 310 އަކަށް އަރާފައިވާކަމަށެވެ.
ޤުރްއާން ހިތު ދަސްކުރާ ޕްރޮގްރާމް ފުޅާކޮށް ކްލާސްތައް އިތުރުކޮށްފައިވާއިރު، މި ވަގުތު 2000އަށް ވުރެ ގިނަ ދަރިވަރުން ހިފްޒު ކުރަމުންދާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ 1000 ޒުވާން ޚަޠީބުން ބިނާކުރުމާއި 500 ހާފިޒުން އުފެއްދުމެވެ.
ޒުވާން ޚަޠީބުންނާއި އިމާމުންނާއި ޙާފިޒުންނަށް ޚާއްޞަ މަހާސިންތާ އެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ މަސައްކަތްކުރަމުންނެވެ. މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުވާ މުނާސަބަތާ ގުޅުވައިގެންނެވެ. މި މަހާސިންތާގެ ޝަރަފްވެރި މެހްމާނަކަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ޑރ. ޔާސިރް އައްދައުސަރީއަށް ވަނީ ދައުވަތު ދެއްވާފައެވެ.




