މަސްތުވާތަކެތީގެ މައްސަލައެއްގައި ޅ. ނައިފަރުން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ ނައިފަރު ގެ އެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.
މި ހިނގާ ޖޫން މަހުގެ 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، ކޯޓު އަމުރުގެ ދަށުން ނައިފަރު ގެ އެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 37 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ.ނައިފަރު، ނޭޒާ / އާދަމް ޙަސަންފުޅު(41އ) އާއި ޅ.ނައިފަރު، މުރަނގަމާގެ / މުޙައްމަދު ޝިފާޒު (36އ) ގެ އިތުރުން އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސޭމް ސަޖޫ (28އ) އެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.




