ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކުރުމުން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.
މި މައްސަލަ ހައި ކޯޓަށް ހުށަހަޅާފައި ވަނީ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ދެ އެކްޓިވިސްޓުން ކަމަށްވާ ހުމައިދާ އަބްދުލްގަފޫރު އަދި މުހައްމަދު ސީނީން އެވެ.
މި މައްސަލަ ފުރަތަމަ ހުށަހެޅުމުން އިސްލާހުކުރުމަށް އަންގައި ހައި ކޯޓުގެ ރަޖިސްޓްރާ މައްސަލަ ބޭރުކޮށްލިއެވެ. މިދިޔަ ޑިސެމްބަރު މަހު ހުށަހެޅި މައްސަލަ ބޭރުކޮށްލީ އެކަމަށް އެކުލަވާލާފައިވާ ގަވާއިދު ގާނޫނުއަސާސީއާ ހިލާފުވާ ގޮތެއް ބަޔާން ނުކުރާތީ ކަމަށް ބުނެއެވެ.
ދެވަނަ ފަހަރަށް އިސްލާހުތަކެއް ގެނެސްގެން މައްސަލަ ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހުގައެވެ. ގަވާއިދު މަސްވެރިކަމުގެ ގާނޫނާ ހިލާފު ކަމަށް ބުނެ ދެވަނަ ފަހަރު ހުށަހެޅި މައްސަލަ ވެސް ރަޖިސްޓްރާ ބަލައިނުގަންނަން ނިންމީ އެ ހިލާފުވާ ގޮތެއް ބަޔާންކޮށްފައި ނުވާތީ ކަމަށް ބުނެއެވެ.
ރަޖިސްޓްރާގެ ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި މުރާޖާ ކުރުމަށް ހުށަހެޅުމުން، ފަނޑިޔާރުންގެ މަޖިލީހުން ނިންމީ އާންމު މަސްލަހަތު ވެސް ހިމެނޭ ކަމަށްވާތީ އާއި ގާނޫނާ ހިލާފުވާ ކަމަށް ބުނާ ގަވާއިދުގެ މައްސަލަ ހައި ކޯޓަށް ބެލޭނެ ކަމަށެވެ.
ކަށިމިޔަރުގެ މަސްވެރިކަން 2010ވަނަ އަހަރުން ފެށިގެން ރާއްޖެގައި މަނާކޮށްފައި އޮންނަތާ 16 އަހަރު ފަހުން އަލުން ހުއްދަކުރީ މިދިޔަ ނޮވެމްބަރު މަހުގައެވެ. އެގޮތުން 40 އުޅަނދަކަށް އެ ކަމުގެ ހުއްދަ އާއި ލައިސަންސް ސަރުކާރުން ވަނީ ދޫކޮށްފައެވެ.




