އދ. ހަންޏާމީދޫގައި ބަގީއަކާއެކު މޫދަށް ވެއްޓުނު ކުޑަކުއްޖަކު ނިޔާވި މައްސަލަ އިތުރަށް ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، އދ. ހަންޏާމީދޫ ބަނދަރު ސަރަހައްދުގައި އޮތް ބަގީއެއް ދުއްވި 14 އަހަރުގެ ކުއްޖަކު ބަގީއާއެކު މޫދަށް ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ، ޖޫން 26 ވަނަ ދުވަހުގެ ހަވީރު 5:10 ހާއިރުކަމަށެވެ.
މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ތަޅުދަނޑި ޖަހާފައި އޮތް ބަގީއަކަށް އެ ކުއްޖާ އަރައި، އެ ދުއްވުމުގެ ސަބަބުން ކަމަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ވަގުތު އެ ސަރަޙައްދުގައި ތިބި އާންމުން، ބަގީ ހިފަހައްޓައި ކުއްޖާ މޫދަށް ވެއްޓުނަ ނުދިނުމަށް މަސައްކަތްކޮށްފައިވާކަން ފުލުހުން ފާހަގަކުރައްވައެވެ.
ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފުލުހުން ބުނިގޮތުގައި، މި ހާދިސާ ހިނގުމާއެކު، އެ ސަރަޙައްދުގައި ތިބި އާންމުން އެ ކުއްޖާ މޫދުން ނަގައި، ވަގުތުން ވަނީ ހަންޏާމީދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.
އަދި ޞިއްޙީ މަރުކަޒަށް ގެންދިޔަ އިރުވެސް އެ ކުއްޖާ ނިޔާވެފައިވާކަމަށް ޞިއްޙީ މަރުކަޒާއި ހަވާލާދީ ފުލުހުން ބުންޏެވެ.



