މ. މުލަކުގައި މި ސަރުކާރުން ގާއިމުކުރި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
އެކަމަނާ މި ސެންޓަރު ހުޅުއްވައިދެއްވީ އެރަށަށް ކުރެއްވި ޒިޔާރަތުގައި، މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ފަސްޓް ލޭޑީގެ އަރިހުގައި ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީގެ އިތުރުން މުލަކު ކައުންސިލްގެ ރައީސް އަޙްމަދު ޖަމާލް ބައިވެރިވެވަޑައިގެންނެވިއެވެ.

މުލަކުގައި ޒުވާނުންގެ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތަކީ 2008 ވަނަ އަހަރުން ފެށިގެން އެކި މަރުހަލާތަކުގައި ކުރިއަށްދިޔަ މަސައްކަތެކެވެ. ނަމަވެސް، މަސައްކަތް ނުނިމި ދިގުލައިގެންދިޔުމުގެ ސަބަބުން މި ސަރުކާރުން ވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހު ކުރީގެ ކޮންޓްރެކްޓް ބާތިލުކޮށްފައެވެ. މި ނިންމުން ނިންމީ މަސައްކަތް ލަސްވުމުގެ ޝަކުވާ ކައުންސިލުންނާއި ޒުވާނުންގެ ފަރާތުން ތަކުރާރުކޮށް ލިބެމުންދިއުމާ ގުޅިގެންނެވެ.
މި މަޝްރޫޢު ނިންމުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރީ މިދިޔަ އަހަރުގެ މާޗު މަހުއެވެ.

ޖުމްލަ 5.2 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ނިންމި މި މަރުކަޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ނިންމި ތަނެކެވެ.
މި ސެންޓަރު ފަރުމާކޮށްފައިވަނީ ދިވެހިންގެ މާހައުލާ ގުޅޭގޮތަށް ގިނަ ޚިދުމަތްތަކެއް އެއްތަނަކުން ލިބޭނެ ގޮތަށެވެ.
އެގޮތުން ވޯކްޝޮޕްތަކާއި ސެމިނާތައް ބޭއްވޭނެ ޚާއްސަ ހޯލެއްގެ އިތުރުން، އެރޮބިކްސް އާއި ޔޯގާ ކުލާސްތައް ކުރިއަށް ގެންދެވޭނެ ފަދަ ޖާގަ ތަނަވަސް ޖިމެއް މި މަރުކަޒުގައި ހިމެނެއެވެ.



