ދުންފަތުގެ ވަބާއިން ގައުމު ސަލާމަތްކުރުމަށްޓަކައި ވިޔަފާރިވެރިން އިސްނެގުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިކަމަށް ގޮވާލެއްވީ ދުނިޔޭގެ ދުންފަތް އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން މ. މުލަކުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ، ކުރިއާ ހިލާފަށް ދުންފަތް އިޝްތިހާރުކުރުމަށް ތަފާތު އާ އުކުޅުތައް ބޭނުންކޮށްގެން ކުޑަކުދިން ވެސް އެ ވަބާގައި ޖައްސަމުންދާ ކަމަށެވެ. އަދި ސިއްހަތަށް ގެއްލުން ލިބޭ އެއްވެސް ކަމަކީ އެއްވެސް މީހަކު ރުހި ގަބޫލުކުރާނެ ކަމެއް ނޫން ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
”ދުންފަތުގެ ނުރައްކާތެރި ވަބާއިން ގައުމު ސަލާމަތްކުރުމަށް ކެފޭތަކާއި، ރެސްޓޯރެންޓުތައް ހިންގާ ފަރާތްތައް އިސްދައުރެއް އަދާކުރަން އަޅުގަނޑު ގޮވާލަން. ދުންފަތުން ދިވެހި މުޖުތަމައު ސަލާމަތް ކުރުމުގައި ވިޔަފާރިވެރިން އިސްނެންގެވުމަށް އަޅުގަނޑު ގޮވާލަން،“ ފަސްޓް ލޭޑީ ވިދާޅުވިއެވެ.
ދުންފަތުގެ ސިއްހީ ނުރައްކަލަކީ އެތައް ޖީލުތަކަކަށް ދެމިގެންދާ، އެތައް ބަޔަކަށް ފެތުރިގެންދާ ސިއްހީ ބޮޑު ކާރިސާއެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ. އަދި ދުންފަތުގެ ގެއްލުން ލިބެނީ ހަމައެކަނި އިސްތިއުމާލު ކުރާ މީހާއަށް އެކަނި ނޫން ކަމަށާއި، އޭގެ ނޭދެވޭ އަސަރު އެތައް ބަޔަކަށް ކުރާކަން މިހާރުގެ ހޯދުންތަކުން އެނގޭ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން، ދުންފަތަކީ ހަށިގަނޑުގެ އެތެރޭގެ ހިންގުމުގެ މުޅި ނިޒާމު ފެއިލްކޮށްލާ ވިހައެއްގެ ގޮތުގައި ފާހަގަކުރައްވައި، އެއީ އިސްރާފުކުރެވޭ ފައިސާތަކެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ވަނީ ދުންފަތުގެ އިސްތިއުމާލު ކުރާ ކޮންމެ ފަރާތަކުންވެސް އަމިއްލަ ނަފުސު އެ ވަބާއިން ސަލާމަތް ކުރުމުގެ ޖިހާދެއް އައު އަމާޒަކާއެކު ފެށުމަށް އިލްތިމާސް ކުރައްވާފައެވެ.



