މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓި، އޮޔާދާތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ރޭގައި މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި ހާދިސާގެ މައުލޫމާތު ރޭ 23:10 ހާއިރު، އެ ކުންފުނިން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ވީމާ، މި ކޮންޓޭނަރުތައް އޮޔާދާނެ ކަމަށް ލަފާކުރެވޭ ދޫނިދޫއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން، މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ފަރުވާތެރިކަމާއެކު ދަތުރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ހާދިސާއާ ގުޅޭގޮތުން މިއަދު ފުލުހުން ބުނީ، މި ހާދިސާގައި ޖުމުލަ ފަސް ކޮންޓޭނަރު މޫދަށް ވެއްޓި އޮޔާ ގޮސްފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް ދެ ކޮންޓޭނަރު ފެނިފައިވާ ކަމަށެވެ. އަދި ބާކީ ތިން ކޮންޓޭނަރު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.



