ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން އިތުރުކޮށްފިއެވެ.
މިގޮތަށް އިތުރުކޮށްފައިވަނީ މިއަދުން ފެށިގެންނެވެ.
ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް އެމްއެމްއޭއިން އާންމުކޮށް ބޭންކުތަކަށް ވިއްކާ ޑޮލަރުގެ އަދަދު %25 މިއަދުން ފެށިގެން ވަނީ އިތުރުކޮށްފައެވެ. މީގެ ބޭނުމަކީ ބޭންކުތަކަށް ބޭނުންވާ ޑޮލަރު ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި މަރުކަޒީ ބޭންކުން ބުނެފައިވެއެވެ.
މިކަމާ ބެހޭގޮތުން އެމްއެމްއޭއިން ބުނީ، މިއަދުން ފެށިގެން ކުރިއަށް އޮތް 3 މަހު ކޮންމެ ހަފްތާއަކު ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު މިހާރަށްވުރެ ޖުމްލަކޮށް %25 އިތުރުކުމަށް ނިންމާފައިވާ ކަމަށެވެ.
ބޭންކުތަކަށް ބޭރު ފައިސާ އިތުރަށް ދޫކުރުމަށް ނިންމީ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށްކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. މިއީ ބޭންކިންގ ނިޒާމުގެ ތެރޭގައި އޮތް ބޭރު ފައިސާގެ ދަތިކަން ކުޑަކުރުމަށާއި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް މަރުކަޒީ ބޭންކުން އެޅި ވަގުތީ ފިޔަވަޅެކެވެ.




