ސަލްޓަން ޕާކުގައި ހުންނަ ތާރީޚީ އާސާރީ ބިނާއެއް ކަމަށްވާ ”އުސްގެކޮޅު” ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
”ޕްރެސަރ ވިތް ދަ ސްޕޮކްސް“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، އުސްގެކޮޅަކީ ރާއްޖޭގެ ވިރާސީ ރަސްކަމުގެ ވަރަށް މުހިންމު ބިނާއެއް ކަމަށާއި، އެއީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު، އާމްދަނީ ހޯދުމަށްވެސް ބޭނުންކުރެވިދާނެ ތަނެއް ކަމަށެވެ.
ނަމަވެސް ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ މިހާރު ހުރި ހަމައެކަނި ބައި ކަމަށްވާ މި ބިނާގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، އެތަނުގައި މަސްތުވާތަކެތި ބޭނުންކޮށްފައި ހުރި ކަމުގެ ނިޝާންތައް ފެނިފައިވާ ކަމަށް މުންދު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ވަނީ އުސްގެކޮޅު ހިމެނޭހެން އެ ސަރަޙައްދުގައި ބޭރުގެ ޤައުމުތަކުން ފެންނަ ފަދަ ޒަމާނީ ”އިންޓަރެކްޓިވް މިއުޒިއަމް“ އެއް ތަރައްޤީކުރުމަށް ނިންމާފައެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި އެ ބިނާ ސަރުކާރުގެ ކަމާގުޅޭ ވުޒާރާއާ ޙަވާލުކުރުމަށް ސިޓީ ކައުންސިލުގައި އެތައް ފަހަރަކު އެދިފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
”އުސްގެކޮޅު ބަލަހައްޓާނީ ސިޓީ ކައުންސިލުން. ތަޅުދަނޑި އޮންނަނީ ކައުންސިލްގައި. އެ ޕްރޮޖެކްޓަށް ތަން ނަގަން، މަޝްވަރާ ބައްދަލުވުން ބޭއްވިން. ލިޔުމުން ހުށައެޅި އަދި ގުޅައިގެންވެސް މަޝްވަރާ ކޮށްފައިވޭ. އާންބަސްވެސް ބުނި. ނަމަވެސް މިހާތަނަށް އެތަން ހަވާލެއް ނުކުރެ،“ މުންދު ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވީ މި ބިނާއަށް ގެއްލުންދިން މައްސަލަ ފުލުހުންނާ ގުޅިގެން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.
އުސްގެކޮޅަކީ މީލާދީން 20 ވަނަ ޤަރުނުގެ ކުރީކޮޅު އައްސުލްޠާން ޙާޖީ ޢިމާދުއްދީން (6 ވަނަ) ބިނާކުރެއްވި، 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އާސާރީ ބިނާއެކެވެ.
މިއީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނަން ހުރި ހަމައެކަނި ބައި ކަމަށްވާއިރު، 74 އަހަރު ކުރިން ރާއްޖޭގެ އެންމެ ފުރަތަމަ ޤައުމީ ދާރުލްއާސާރުވެސް ހުޅުވާފައިވަނީ މި އިމާރާތުގައެވެ.




