އައްޑޫ ސިޓީގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަންގެ މަސައްކަތްތައް މެނޭޖް ކުރާނެ ޓެކްނިކަލް ޕްރޮގްރާމް މެނޭޖަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، ގޫގުލް އިން ހުޅުވާލައިފިއެވެ.
ގޫގުލް ކެރިއާސްގައި ޝާއިއުކޮށްފައިވާ އިއުލާނުގައިވާ ގޮތުން، މި މަގާމަށް ހޮވޭ ފަރާތެއްގެ މައިގަނޑު މަސްއޫލިއްޔަތަކީ އިންޑިއާ ކަނޑުގެ ސަރަހައްދަށް ހާއްސަ ކޭބަލް ލޭންޑިން ސްޓޭޝަން (ސީއެލްއެސް) އާއި އައުޓްސައިޑް ޕްލާންޓް އޮޕަރޭޝަންސް (އޯއެސްޕީ) ގާއިމްކުރުމުގެ އެންމެހާ މަސައްކަތްތައް ސުޕަވައިޒްކޮށް، ކަމާގުޅޭ ފަރާތްތަކުގެ މެދުގައި މުއާމަލާތްތައް ހިންގުމެވެ.
މި މަގާމަށް ހޮވޭ މީހަކީ އެ މަޝްރޫއުގެ ސަޕްލަޔަރުންނާއި، މަސައްކަތަށް އުފައްދާ ކޮންސޯޓިއަމުން ކުރިއަށްގެންދާ މަސައްކަތްތަކުގެ އިތުރުން އެހެން ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތްތައް ވެސް ބަލަހައްޓަންޖެހޭނެ ފަރާތެވެ. އަދި ކޭބަލް ސްޓޭޝަން ގާއިމްކޮށް ނިމި އޮޕަރޭޝަނަށް އައުމާ ހަމައަށް ކޮންސޯޓިއަމްގެ ޕާޓްނަރުންނާއި ޓެލެކޮމް އޮޕަރޭޓަރުންނާ މުއާމަލާތްކުރުމާއި، މާލީ އަދި ރެގިއުލޭޓަރީ ކަންކަމުގައި ގޫގުލްގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާނީ ވެސް މި މަގާމުގައި ހުންނަ ފަރާތެކެވެ.
ގޫގުލް އިން ކަނޑައަޅާފައިވާ އެންމެ ދަށް ޝަރުތުތަކުގެ ތެރޭގައި މެކޭނިކަލް އިންޖިނިއަރިން، އިލެކްޓްރިކަލް އިންޖިނިއަރިން ނުވަތަ އިންޑަސްޓްރިއަލް އިންޖިނިއަރިންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ އެ ފެންވަރަށް މަސައްކަތުގެ ތަޖުރިބާ ހުރުން ހިމެނެއެވެ. މީގެ އިތުރުން ޕްރޮގްރާމް މެނޭޖްމަންޓް ދާއިރާއިން އަށް އަހަރު ދުވަހުގެ ތަޖުރިބާ އާއި އޮޕަރޭޝަނަލް ފެސިލިޓީތައް މެނޭޖް ކުރުމުގެ ތަޖުރިބާ ހުންނަންޖެހެއެވެ.
މަގާމަށް މީހުން ހޮވުމުގައި އިސްކަންދޭނެ އިތުރު ފެންވަރުތަކުގެ ތެރޭގައި، ކަމާގުޅޭ އިންޖިނިއަރިން ދާއިރާއަކުން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވުމާއި، ކްރޮސް ފަންކްޝަނަލް ޕްރޮޖެކްޓްތައް މެނޭޖްކުރުމުގެ އަށް އަހަރުގެ ތަޖުރިބާ ހުރުން ހިމެނެއެވެ. އަދި ސަބްމެރިން ކޭބަލް ސިސްޓަމްތައް އޮޕަރޭޓްކުރުމުގެ ތަޖުރިބާ އާއި، ބަޖެޓް މެނޭޖްމަންޓް އަދި އެގްރިމެންޓް ނެގޯސިއޭޝަން ފަދަ ހިންގުންތެރިކަމުގެ ހުނަރުތަކަށް އިސްކަންދޭނެ ކަމަށް ގޫގުލް އިން ބުނެއެވެ.
އައްޑޫ ހިތަދޫގައި ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަންއަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރަން ނިންމާފައިވާކަން ގޫގުލް އިން އިއުލާންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.



