ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ނިޒާމު ވަރުގަދަކުރުމުގައި، ބަދަހި ގުޅުން މުހިންމު ކަމަށް އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ، ވީއައިއޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (އެމް.އެމް.އެސް) އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އާއެކު އެމް.އޭ.ސީ.އެލް އިން ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި އެއްބަސްވުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، މިއީ އެއަރޕޯޓުގައި ދިމާވެދާނެ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން އެޅުނު ވަރަށް މުހިންމު އަދި ކާމިޔާބު ފިޔަވަޅެއް ކަމަށެވެ. މި ފަހުމުނާމާތަކުގެ ސަބަބުން ކަމާގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެކިފަރާތްތަކުގެ ޒިންމާތައް ހިއްސާކުރުމަށް މަގުފަހިވާނެ ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މައި އެއަރޕޯޓަކީ އަބަދުވެސް ތަފާތު ބަދަލުތައް އަންނަ ތަނަކަށް ވުމާއެކު، އެއަރޕޯޓުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނީ ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި އޮންނަ ފައިދާހުރި ކޯޑިނޭޝަންގެ ސަބަބުން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން، ކުއްލި ހާލަތްތަކަށް ތައްޔާރުވުމަކީ ވަކި އިދާރާއަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ހުރިހާ ހިއްސާދާރުންގެ މެދުގައި އޮންނަ އިތުބާރާއި، ހާމަކަންބޮޑު މުޢާމަލާތްތަކުގެ މައްޗަށް ބިނާވެފައިވާ ކަމެއްކަންވެސް ޝަރީފްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ފަހުމުނާމާގެ ސަބަބުން އުފެދޭ ގުޅުންތަކުގެ ތެރެއިން އޮޕަރޭޝަނަލް އުސޫލުތައް އިތުރަށް ހަރުދަނާވެ، ގުޅިގެން ހިންގާ ތަމްރީނުތަކާއި މަޢުލޫމާތު ބަދަލުކުރުމުގެ މަސައްކަތްތައް އިތުރުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. މީގެ ސަބަބުން ކުއްލި ހާލަތްތަކުގައި އަވަސް އަދި ހަލުވި ފިޔަވަޅުތަކެއް އެޅުމުގެ ޤާބިލުކަން އިތުރުވެގެންދާނެކަން ފާހަގަކުރެއްވިއެވެ.
އެން.ޑީ.އެމް.އޭ، އެމް.އެމް.އެސް އަދި އެމް.އާރް.ސީ އިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވަމުން، މި މަސައްކަތްތަކަކީ ފަސިންޖަރުންނާއި މުވައްޒަފުންގެ އިތުރުން މުޅި އޭވިއޭޝަން ދާއިރާގެ ރައްކާތެރިކަމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއްކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތައް އެންމެ މަތީ ފަންތީގައި ދެމެހެއްޓުމަށްޓަކައި، ކަމާގުޅޭ ހުރިހާ އިދާރާތަކާއެކު އެމް.އޭ.ސީ.އެލް އިން އަބަދުވެސް ގާތުން މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ޝަރީފް ދެއްވިއެވެ.



