ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ އައްޑަނައާއި ހަނދާނީ ރަން ފިލައާއި ހަނދާނީ ފިލާ އަރުވައިފިއެވެ.
މި ފަރާތްތަކަށް ހަނދާނީ އައްޑަނައާއި ހަނދާނީ ރަން ފިލައާއި ހަނދާނީ ފިލާ ހަވާލުކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމީ ޖަލްސާގައެވެ.
ފުލުހުންނަށް ދެމުންގެންދާ އެހީތެރިކަމާއި ބާއްވާ ގާތް ގުޅުން ފާހަގަކޮށް، ހަނދާނީ އައްޑަނަ ލިބުނު މުއައްސަސާތަކުގެ ތެރޭގައި އެލައިޑް އިންޝުއަރެންސް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް، އިންޑިއާ ހައި ކޮމިޝަން، ޖަޕާން އެމްބަސީ، ޗައިނާ އެމްބަސީ، އިނގިރޭސިވިލާތުގެ ހައި ކޮމިޝަން، އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް އަދި ޔޫއެންއޯޑީސީ ހިމެނެއެވެ.
ފުލުހުންގެ ޚިދުމަތަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި އެއް ފަރާތަކަށް ހަނދާނީ ރަން ފިލާ ވަނީ އަރުވާފައެވެ. އެގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތަށް ދިގު މުއްދަތަކަށް ދެމުންގެންދާ އެހީތެރިކަން ފާހަގަކޮށް، އެމެރިކާގެ އެމްބަސީއަށް ވަނީ ހަނދާނީ ރަން ފިލާ އަރުވާފައެވެ.
މީގެ އިތުރުން، ފުލުހުންގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ދައުލަތުގެ ބައެއް އިދާރާތަކަށާއި އަމިއްލަ ކުންފުނިތަކުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ވަނީ އަރުވާފައިވެއެވެ. އޭގެ ތެރޭގައި އެމްއެންޑީއެފް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް އިސްލާމިކް ބެންކް، ކްރިމިނަލް ކޯޓް، އޫރީދޫ މޯލްޑިވްސް، ޕީއެސްއެމް، އެމްޓީސީސީ އަދި ބެންކް އޮފް މޯލްޑިވްސް ހިމެނެއެވެ.
މި ޖަލްސާގައި އާންމު ފަރުދުންގެ ތެރެއިން މާވިނަ / ކ. ކާށިދޫ، އަލްފާޟިލް އަޙްމަދު ޔާސިރު، ފުލުހުންގެ މަސައްކަތްތަކަށް ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށް އޭނާއަށް ވެސް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.



