ހުޅުމާލޭ ހޮސްޕިޓަލުން ލިބޭ ހިދުމަތްތައް އިތުރުކޮށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ ހޮސްޕިޓަލުގައި އައުޓް-ޕޭޝަންޓް ނާސިން ހިދުމަތް މިއަދު ރަސްމީކޮށް ތައާރަފުކޮށްފިއެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ.
މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާޤް ޙަލީމު ވިދާޅުވީ، މީގެ ކުރިން ހުޅުމާލޭ ހޮސްޕިޓަލުގައި މި ހިދުމަތް ދެމުން އައީ އެމަޖެންސީ ފަޅީގައި ހުރި ޕްރޮސީޖާ ރޫމެއްގައި ކަމަށެވެ. ނަމަވެސް އައު ބަދަލާއެކު، ހޮސްޕިޓަލުގެ އޯޕީޑީ ކައުންޓަރު ހުންނަ ސަރަހައްދުގައި މިކަމަށް ހާއްސަ ވަކި ޖާގައެއް މިހާރު ވަނީ ގާއިމުކުރެވިފައެވެ.

ސީއީއޯ ފާހަގަކުރެއްވި ގޮތުގައި ކުރިން ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކުއްލި ފަރުވާ ބޭނުންވާ މީހުންނާއި އާންމު ނާސިން ހިދުމަތް ބޭނުންވާ މީހުން އެއް ތަނަކުން ހިދުމަތް ހޯދަން ޖެހުމުން ހޭދަވާ ވަގުތު އިތުރުވުމެވެ.
”މިގޮތަށް ހަމަޖެއްސުމުން އެމަޖެންސީގައި ހިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ބޭފުޅުންނަށް އަވަހަށް ހިދުމަތް ލިބި، ރެގިއުލާކޮށް ނާސިން ހިދުމަތް ހޯއްދަވަން ހޮސްޕިޓަލަށް ވަޑައިގަންނަވާ ބޭފުޅުންނަށް ވަކިން އެ ސަރަހައްދަކުން ހިދުމަތް ލިބޭނެ ގޮތް ހަމަޖެހިގެންދިޔައީ،“ ހަލީމު ވިދާޅުވިއެވެ.
ހަލީމު އިތުރަށް ވިދާޅުވީ މި ހިދުމަތް ގާއިމުކުރެވިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިކަމަށް ދެއްވި ހާއްސަ އިސްކަމުގެ ދަށުން ކަމަށެވެ.

އައުޓް-ޕޭޝަންޓް ނާސިން ޔުނިޓުން ލިބޭނެ ހިދުމަތްތަކުގެ ތެރޭގައި އީސީޖީ ނެގުން، އާވި އެރުވުން، ބޭސް އެޅުން، ބަނޑުގައިވާ ދަރިފުޅުގެ ވިންދު ބެލުން، ހަކުރު ބަލީގެ ޓެސްޓުކުރުން، އިންޖިކްޝަން ޖެހުން އަދި ލޭ ހަދިޔާކުރާ މީހުންގެ ލޭ ނެގުން ހިމެނެއެވެ.
މި ހިދުމަތް ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ރޭގަނޑު 23:00 އަށް ލިބޭނެއެވެ.




