މިދިޔަ ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރި މުޙައްމަދު ޝަކީލް، އެ ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރަން ރުހުން ހޯދަން ފޮނުވައިފިއެވެ.
އީސީގެ ރައީސްކަމަށް ޝަކީލް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ސިޓީ އިއްވީ މިއަދެވެ. އަދި އޭނާގެ ނަން ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
އެ ކޮމިޝަންގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރަން މަޖިލީހުން ރުހުންދިނީ މިދިޔަ އަންގާރަ ދުވަހެވެ.
ގައުމީ ބޭންކު ބީއެމްއެލްގައި ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވައި، އަދި އޭގެ ފަހުން އިލެކްޝަންސް ކޮމިޝަންގައި ވެސް ޑިރެކްޓަރު ޖެނެރަލްގެ މަގާމް ފުރުއްވި ޝަކީލް، އެ ކޮމިޝަންގެ މެންބަރުކަމަށް ފުރަތަމަ އައްޔަންކުރީ ޑިސެންބަރު ތިނެއް، 2014 ގައެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ މެއި ނުވައެއް، 2018 ގައެވެ.
އޭގެ ފަހުން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވިއެވެ. އެންމެ ފަހުން ޝަކީލް ހުންނެވީ ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރަން މަޖިލީހުން ރުހުންދިނުމުން، މިދިޔަ އަންގާރަ ދުވަހު އޭނާ ވަނީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދެއްވައިފައެވެ.




