ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މުސާރަ ބޮޑުނުވާ ފަރާތްތަކުގެ ކަންކަން ބަލަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ އަދިވެސް މުސާރަ ބޮޑު ނުވާ މުވައްޒަފުން މަދުން ނަމަވެސް ތިބިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ކުރިއަށްވުރެ މުސާރަ ބޮޑުކޮށްދިނުމަށް ކަމަށެވެ.
”މުސާރަ ބޮޑު ކުރުމަށްޓަކައި ޕޭ ފްރޭމްވޯކް ހަދައި ޕޭ ހާމަނައިޒް ކުރެވިގެން މިދަނީ އޭގެތެރެއަށް އެލެވަންސްތަކާއި އެކި ކަހަލަ ބައިތައް ލައިގެން. އެހެންވީމަ ޕޭ ހާމަނައިޒޭޝަން ތެރެއިން ޕޭ ކޮމިޝަނުން ވަރަށް ބޮޑަށް ބަލާނެ ބައިވަރު ކަންކަމަށް“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވިދާޅުވީ މީގައި ބޭނުން ވަނީ މަސައްކަތް ކުރަން އޮންނަ ގަޑީގައި ވީހާވެސް ބޮޑަށް އެ މަސައްކަތަކަށް ފޯކަސްކޮށްގެން ޕްރޮޑަކްޓިވް މަސައްކަތެއް ކުރުން ކަމަށެވެ.




