ދިވެހިން އާންމުކޮށް ވިޔަފާރިކުރާ ބޭރުގެ ބައެއް އީ-ކޮމާސް ސައިޓުތަކުން މަހެއްގެމައްޗަށް ކުރެވޭ މުއާމަލާތްތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި ފަހުން ގެނައި ބޮޑު ލިމިޓްތަކަށް ދޭ ލުއިތައް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް ”ހެޔޮ ބަދަލުތަކެއް ގެނައުމަށް“ ބޭންކުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި މަސް ނިމުމުގެ ކުރިން ކަސްޓަމަރުންނަށް އޭގެ ފައިދާ ލިބޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
އެކަމަށް އިޝާރަތް ކުރައްވާ ރައީސް މިއަދު ވިދާޅުވީ މި ހަފުތާ ނިމޭހާތާ ނުވަތަ އަންނަ ހަފުތާ ކުރީކޮޅު ބީއެމްއެެލްއިން އިތުރު ކަންކަން ތައާރަފުކުރާނެ ކަމަށެވެ.
ވިޔަފާރިއަށާއި އާންމު ބޭނުންތަކަށް ބޭނުންވާ ވަރަށް ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން، ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ބޭންކަށް ލިބޭ ޑޮލަރަށް ވުރެ ޑޮލަރުގެ ޑިމާންޑް ބޮޑުވެ، މިދިޔަ މަހުން ފެށިގެން ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އީ-ކޮމާސް އަދި އޮންލައިން މުއާމަލާތްތައް ކުރުމުގައި ބީއެމްއެލް އިން ވަނީ ހިފެހެއްޓުންތަކެއް ގެންގުޅެފައެވެ.
ބީއެމްއެލް ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކުމަށް އެންމެ ކުރިން ދީފައި އޮތީ 250 ޑޮލަރެވެ. އެކަމަކު މިދިޔަ އަހަރު އެ ލިމިޓް 500 ޑޮލަރަށް ބޮޑުކުރިޔަސް މިހާރު ވަނީ ހުރިހާ ޑެބިޓް ކާޑުތަކަށް ވަކި ލިމިޓެއް ކަނޑައަޅައިފައެވެ.
އެ ބަދަލާ ގުޅިގެން ކުޑަ އަގެއްގައި އެއްޗެއް ބޭރުގެ ވެބްސައިޓަކުން ގަންނަން މަސައްކަތްކުރި ނަމަވެސް އެކަން ނުވެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ.
މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން، ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުންނަށް ޕީއޯއެސް މެދުވެރިކޮށް މަހަކު 1،000 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވެ އެވެ. އެއާލައިން ޓިކެޓާއި ހޮޓާ ބުކިން އަދި ހޮސްޕިޓަލްތަކަށް ދައްކާ ފައިސާ އަށް މަހަކު 3،000 ޑޮލަރުގެ ލިމިޓެއް ލިބެއެވެ.



