ސިނގިރޭޓަކުން ނަގާ 8 ރުފިޔާގެ ޑިއުޓީ، 4 ރުފިޔާއަށް ކުޑަކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރު ފަރާތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އެ އިސްލާހު ހުށަހެޅީ މިދިޔަ ހޯމަ ދުވަހެވެ. މި ބިލު ބުދަ ދުވަހު ބަލައިގަނެ، ދިރާސާކުރަން ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައެވެ.
މިއަދު އޮތް މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީގެ ގިނަ މެންބަރުންނާއި ވެރިކަންކުރާ ޕީއެންސީގެ މެންބަރުންވެސް ވަނީ ބިލަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފައެވެ.
މިއަދުގެ ކޮމިޓީގައި އެމްޑީޕީގެ މެންބަރުން ވަނީ ބިލު ފާސްކުރުމުގެ ކުރިން ކަމާބެހޭ ވުޒާރާތަކާއި އިދާރާތަކަށް ބައްދަލުކޮށް، ބިލުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ކުރާނެ އަސަރުތަކަކީ ކޮބައިކަން ދެނެގަތުމަށް ހުށަހަޅައިފައެވެ.
މީގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުއްރަޙްމާން ވަނީ، ބިޑިން ނަގާ ޑިއުޓީ 40 އިންސައްތައަށް ބޮޑުކޮށް ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ 20 އިންސައްތައަށް ކުޑަކުރަން ހުށަހަޅުއްވައިފައެވެ. އަދި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ޒިޔާދު ވަނީ، އެ ފަދަ ބާވަތްތަކުން ގްރާމުން ޑިއުޓީ ނަގާ ގޮތަށް ބަދަލުކުރުމަށް ހުށަހަޅުއްވައިފައެވެ.
އެކަމަކު ލިޔުމުން އިސްލާހުތައް އިދާރީ މޭޒަށް ހުށަހަޅައިފައިނުވާތީ، ރިޔާސަތުން ނިންމީ ބިލު އޮތް ގޮތަށް ފާސްކުރަން ވޯޓަށް އެހުމަށެވެ.
އެގޮތުން، މުޅި މަޖިލީހުގެ ކޮމިޓީގައި ތިއްބެވި މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ އިއްތިފާގުން ވަނީ ބިލު ފާސްކޮށްފައެވެ.




