ޕެސިފިކް ކަނޑުގެ ސަރަޙައްދުގައި އެލްނީނޯ އުފެދިފައިވުމާއެކު، ރާއްޖޭގެ މޫސުމަށް ކުރަމުންދާ އަސަރުތައް ވަރަށް ގާތުން މޮނިޓަރ ކުރަމުންދާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ.
އެލްނީނޯއަކީ ކަނޑުގެ ސަތަހައިގެ ހޫނުމިން އާދަޔާ ޚިލާފަށް މަތިވުމުގެ ސަބަބުން ކުރިމަތިވާ ޤުދުރަތީ މޫސުމީ ހާލަތެކެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަޙައްދުތަކުގެ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މިހާރު ހުރީ އާންމު މިންގަނޑަށްވުރެ މަތީގައެވެ. މީގެ ސަބަބުން ދުނިޔޭގެ ވައިގެ ދައުރުވުމާއި ޕްރެޝަރާއި ވާރޭވެހޭ ގޮތަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ.
އާންމު ގޮތެއްގައި އެލްނީނޯގެ އަސަރުތައް 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދެއެވެ. ނަމަވެސް ބައެއް ފަހަރު މި ހާލަތު އަހަރުތަކަކަށް ދެމިގެންދާކަންވެސް އެ އިދާރާއިން ފާހަގަކުރެއެވެ. މިއީ ވަކި ތަރުތީބަކުން ނޫނަސް، ކޮންމެ ދެ އަހަރާއި ހަތް އަހަރަކުން އެއް ފަހަރު އަންނަ ބަދަލެކެވެ.
މެޓް އޮފީހުން ވިދާޅުވީ، އެލްނީނޯގެ ސަބަބުން ބައެއް މަސްމަހު އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭވެހޭއިރު، އަނެއްބައި މަސްމަހު ވާރޭވެހޭ މިންވަރު މަދުވާ ކަމަށެވެ. އަދި އެލްނީނޯގެ ބާރުމިނާއި އެކަން ދިމާވާ ދަނޑިވަޅުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރާ އަސަރު ތަފާތުވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.
ރާއްޖޭގެ މޫސުމަށް ނުފޫޒު ފޯރުވަނީ ހަމައެކަނި އެލްނީނޯއިން އެކަނި ނޫންކަން ފާހަގަކުރައްވައި، މެޓް އޮފީހުން އިތުރަށް ވިދާޅުވީ އިންޑިއަން އޯޝަން ޑައިޕޯލްއަދި މެޑަން ޖޫލިއަން އޮސިލޭޝަން ފަދަ މޫސުމީ އެހެން ކަންތައްތަކުންވެސް ރާއްޖެއަށް ވާރޭވެހޭ މިންވަރަށް އަސަރު ކުރާ ކަމަށެވެ.



