މާލޭ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން، އިތުރު ބިދޭސީންތަކެއް ބަލައި ފާސްކޮށް އޭގެ ތެރެއިން ދެ މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މާލޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށް، ޓާސްކްފޯސްއިން އިއްޔެ އާއި މިއަދު ވަނީ ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގެ ބިދޭސީންނާއި ސުވާލުކޮށްފައެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި، މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 40 ބިދޭސީއަކު ވަނީ ބަލައި ފާސްކޮށްފައެވެ.

މީގެ ތެރެއިން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ބުންޏެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން އަންނަނީ މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި ގިނަ ރެއިޑް އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަނެފައިވާކަން ފާހަގަކުރެވެއެވެ.

އިމިގްރޭޝަނުން ބުނީ، މިފަދަ މައްސަލަތަކުގައި އަތުލައިގަނެވޭ ފަރާތްތައް ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކޮށް، އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.



