ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ދިވެހި އުފެއްދުންތެރި ކޮންޓެންޓަށް ޚާއްސަ ޑިޖިޓަލް މާކެޓް ޕްލޭސް ”ކްރިއެޓޯލް” ރަސްމީކޮށް އާންމުންނަށް ހުޅުވާލައިފިއެވެ.
ޕީއެސްއެމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްލެޓްފޯމް އިފްތިތާހުކޮށްދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދާއި ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީއެވެ.
”ކްރިއެޓޯލް“ އަކީ ރާއްޖޭގެ ވިޝުއަލް އަދި ސަޤާފީ އުފެއްދުންތަކަށް ޚާއްސަ ގައުމީ ޑިޖިޓަލް މާކެޓްފްލޭސްއެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް އުފެއްދުންތެރިންނާއި، ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި، މީޑިއާ އިދާރާތަކާއި ސަރުކާރުގެ މުވައްސަސާތަކުގެ އިތުރުން ބޭރުގެ މިޝަންތަކާއި ގުޅުވައިދޭނެއެވެ.
”ކޮންޓެންޓަކީ އަބަދުވެސް އާވަމުން އަންނަ އެއްޗެއް. އަޅުގަނޑުމެންނަށްވެސް ކޮންޓެންޓް ހޯދަން ކިހިނެތްތޯ އެންމެ ފަސޭހައިން މިކަން ކުރެވޭނީ ވިސްނި ވިސްނުމުން އަޅުގަނޑުމެންނަށްވެސް އިނގިގެން މިދިޔައީ މިސާލަށް މިކަހަލަ ޕްލެޓްފޯމެއް ކްރިއޭޓްކޮށްފިއްޔާ ޑެސްޓިނޭޝަން ޕްރޮމޯޓްކުރަން ކޮންޓެންޓް ބައިވަރު ލިބޭނެއޭ.“ މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.
އަދި މި ޕްލެޓްފޯމްގެ ސަބަބުން ކޮންޓެންޓް އުފައްދާ ފަރާތްތަކަށްވެސް މާލީ ފައިދާ ލިބިގެންދާނެކަން ޝިއުރީ ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ ބައިވެރިއެއްގެ ގޮތުގައި ހިމެނޭ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބް ވިދާޅުވީ، ޕީއެސްއެމްގެ 50 އަހަރުވީ ޑިޖިޓަލް އާކައިވްގެ ތެރެއިން ހޮވާލެވޭ ބައެއް އުފެއްދުންތައް މި ޕްލެޓްފޯމް މެދުވެރިކޮށް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މިއީ އާންމުކޮށް އެންމެންނަށް ބޭނުންކުރަން ނުލިބޭ މުހިންމު އޯޑިއޯ އަދި ވިޝުއަލް މެޓީރިއަލްތަކެއް ކަމަށްވެސް ޝަކީބް ވިދާޅުވިއެވެ.
ކްރިއެޓޯލް މެދުވެރިކޮށް އުފެއްދުންތެރިންނަށް ވެރިފައިޑް ޕްރޮޕައިލްތައް ހަދައި، ފޮޓޯއާއި ވީޑިއޯ އަޕްލޯޑްކޮށް، އަގު ކަނޑައަޅައި އަމިއްލަ މަސައްކަތުގެ މިލްކުވެރިކަން ދަމަހައްޓަމުން އާމްދަނީ ހޯދޭނެއެވެ. ކްލަޔަންޓުންނަށް މި މާކެޓް ޕްލޭސްއިން ހިލޭ ލިބެންހުރި ތަކެތި ޑައުންލޯޑްކުރުމާއި ލައިސަންސްކޮށްފައިވާ ތަކެތި ގަތުމުގެ ފުރުސަތު ލިބޭނެއެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނި ގޮތުގައި، މިއީ ހަމައެކަނި ކޮންޓެންޓް ގަނެ ވިއްކާ ތަނެއް ނޫނެވެ. މިއީ ރާއްޖޭގެ ”ކްރިއޭޓިވް އިކޮނޮމީ“ ކުރިއަރުވައި ރާއްޖޭގެ ވާހަކަތައް އިތުބާރު ހުރި ގޮތެއްގައި ދުނިޔެއަށް ފޯރުކޮށްދިނުމަށާއި، އުފެއްދުންތެރިންނަށް އައު ދޮރުތަކެއް ހުޅުވައިދޭނެ މުހިންމު ވަސީލަތެކެވެ.



