އިޒްރޭލުން ރޭ ރަފަހް އަށް ދިން ހަމަލާތަކެއްގައި 40 މީހުން މަރުވެ ގިނަ އަދަދެއްގެ މީހުން ޒަޚަމެވެއްޖެ އެވެ.
ފަލަޞްޠީނުގެ ރަސްމީ ނޫސް އޭޖެންސީ ވަފާއިން ޚަބަރު ފަތުރާގޮތުގައި، ރޭ އިރާކޮޅު އިޒްރޭލު ސިފައިން ރޮކެޓް ހަަމަލާތަކއް ދީފައިވަނީ، ރަފަހްގެ ހުޅަނގު އުތުރުގެ ސަރަހައްދުގައި ހުންނަ ހާލުގައި ޖެހިފައިތިބޭ ފަލަޞްޠީނުގެ ރައްޔިތުން ވަގުތީ ބޯހިޔަލެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ އދ އިން ބަލަހައްޓަމުން އަންނަ ފޭލިގެތަކަށެވެ.
އިޒްރޭލުން 8 ރޮކެޓް ހަމަލާ ދީފައިވާއިރު، މިހަމަލާގައި ޝަހީދުވި ގިނަ މީހުންގެ ހަށިގަނޑު އަދާފައިވާ ކަމަށާއި، ފިހިފައިވާ ބައެއް މީހުންނަށް ފަރުވާ ދެމުން އަންނަކަމަށް ރިޕޯޓްތައް ބުނެއެވެ. މިހާތަނަށް 40 މީހުން މަރުވި ކަމަށް ރިޕޯޓްކޮށްފައިވާއިރު މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި އޮފިޝަލުން ބުނެފައިވަނީ، ޒަޚަމްވީ މީހުންގެ ހާލަތު ދަށްކަމުން، މި ހަމަލާތަކުގައި މަރުވާ މީހުންގެ އަދަދު އިތުރުވުމަކީ ގާތްތަކަމެއް ކަމަށެވެ.
ރޭ އިޒްރޭލުން ހަމަލާ ދިން ފޭލިގެ ތަކަކަކީ ފަލަޞްޠީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވަމުން އަންނަ ޔުނައިޓޭޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އޭޖެންސީ ފޮރ ޕަލަސްޓައިން ރެފިއުޖީސް(އުނަރްވާ) އިން ވަރަށް ފަހުން ގާއިމުކުރި ކޭމްޕެކެވެ. މި ކޭޕްގައި ހުންނަ ފޭލިގެތަކުގައި ރަފަހް އަށް އިޒްރޭލުން ދޭ ހަމަލާތަކުގައި ގެދޮރުއް ގެއްލި ހާލުގައި ޖެހިފައިވާ އެތައްހާސް އާއިލާއެއް ދިރިއުޅެމުންދެއެވެ. މީގެ ތެރޭގައި އުމުރުން ދުވަސް ވީ މީހުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.
ބައެއް ނޫސް ރިޕޯޓްތައް ބުނާގޮތުގައި ރޭ އިޒްރޭލުން ހަމަލާދިން ސަރަަހައްދަކީ އިޒްރޭލުން ރަފަހް އޮޕަރޭޝަން ފެށުމުގެ ކުރިން، އާންމު އުޅެން ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި އިއުލާނުކޮށްފައިވާ ސަރަހައްދެކެވެ. ނަމަވެސް ރޭގެ ހަމަލާތަކަށް ފަހު އިޒްރޭލުން ބުނެފައިވަނީ ހަމަލާ ދިނީ ހަމާސްގެ ޖަގަހަކަށް ކަމަށެވެ.



