ގިނަ ބައެއްގެ ތަރުހީބު ލިބުނު ބޮލީވުޑްގެ ފިލްމެއް ކަމަށްވާ ”އާވާރާޕަން 1“ ގެ 19 ވަނަ އެނިވާސަރީއާ ގުޅިގެން އެ ފިލްމުގެ ދެވަނަ ބައި (އާވާރާޕަން 2) ގެ ޓީޒަރު ރިލީޒް ކޮށްފިއެވެ.
އެތައް އަންހެން ކުދިންގެ ހިތްތައް ކަތިލާފައިވާ އަދި ނުހަނު ހޫނު ތަރުހީބެއް ލިބިފައިވާ ކުޅަދާނަ އެކްޓަރު އިމްރާން ހާޝްމީ ލީޑް ރޯލުން ފެނިގެން ދިޔަ އާވާރާޕަންގެ ދެވަނަ ބައިން ވެސް އޭނާ ފެނިގެންދާއިރު، އޭނާ ބުނެފައިވަނީ ”ވޭން ލިބުމާއި އޭނާއާ ކުރިންސުރެ ވެސް ގުޅުމެއްވާ“ ކަމަށެވެ.
އާވާރާޕަންގެ ދެވަނަ ބައިގެ ޓީޒަރުން ފެންނަނީ މި ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދާ ޝްރެޔާ ސަނަން ކުޅެފައިވާ ”އާލިޔާ ހާމިދް“ ގެ މާހަނަ ކައިރިއަށް އިމްރާން ޒިޔާރަތް ކުރާ މަންޒަރެވެ.
އަނދިރިކަން ފެންނަ އެ މަންޒަރުގައި އިމްރާން ބުނަނީ ”ބައެއް މީހުންގެ ވާހަކަތައް ނިމެނީ އެމީހުންގެ ރުހުމަކާ ނުލާ“ ކަމަށާއި ”އެކަން ކުރަނީ އެހެން ބަޔަކު“ ކަމަށެވެ.
އިމްރާންގެ އެ ޑަޔަލޮގުންވެސް، އޭނާ މި ފިލްމުން ފެނިގެންދާނީ ކުރިން ލިބުނު ވޭންތަކެއްގެ ހިސާބުހަދާ ނިންމަންކަން ހާމަވެގެން ދެއެވެ.
އާވާރާޕަން 2 ގެ ޓީޒަރުން ފެންނަ އިތުރު އެކްޓަރުންގެ ތެރޭގައި 90ގެ އަހަރުތަކުގެ މަޝްހޫރު އެކްޓްރެސް ޝަބާނާ އަޒްމީ އާއި އަރަމުން އަންނަ ތަރި ދިޝާ ޕާޓްނީ ހިމެނެއެވެ. ޓީޒަރުން އެމީހުންގެ ނަޒަރެއް ވެސް ފެނިގެން ދެއެވެ.
ގޭންގުތަކުގެ މީހުންނާ ތަޅާފޮޅާ މަންޒަރު ވެސް ދައްކުވައި ދެމުން އިމްރާން ބުނެފައިވަނީ މިފަހަރު ނިމޭނީ އޭނާގެ ހުރިހާ އާވާރާޕަން (މޮޔަކަން) ފިލައިގެން ދިޔުމުން ކަމަށެވެ.
މޯހިތު ސޫރީ ޑައިރެކްޓު ކޮށްފައިވާ އާވާރާޕަން 2007 ވަނަ އަހަރު ފުރަތަމަ ރިލީޒް ކުރިއިރު މާބޮޑު ކާމިޔާބީއެއް ނުލިބުނު ކަމުގައިވިޔަސް، އެ ފިލްމުގެ ރީތި ލަވަތަކުގެ ސަބަބުން ފަހުން އެ ފިލްމު ވަނީ އާންމުންގެ މެދުގައި ވަރަށް މަގުބޫލު ފިލްމަކަށް ވެފައެވެ.
އާވާރާޕަން 2 ތިއޭޓަރުތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޯގަސްޓް މަހުގެ 14 ވަނަ ދުވަހުގައެވެ.




