މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މެދުކަނޑާލާފައި އޮތުމަށްފަހު، އެމިރޭޓްސް އެއާލައިނުން ރާއްޖެއާއި ސްރީލަންކާގެ ކޮލަމްބޯއާ ދެމެދު ކުރާ ދަތުރުތައް އަލުން ފަށައިފިއެވެ.
މި ދަތުރުތަކުގައި އެމިރޭޓްސްއިން ބޭނުންކުރާނީ ބޯއިން 777 މަރުކާގެ ބޯޓުތަކެވެ.
ކޮންމެ ދުވަހަކު ބާއްވާ މި ދަތުރުތަކުގައި ފްލައިޓް މާލެއަށް ޖެއްސުމަށްފަހު ދެން ދަތުރުކުރާނީ ކޮލަމްބޯއަށެވެ. އަދި އެނބުރި ދުބާއީއަށް ކުރާ ދަތުރުތައް ވެސް ކުރިއަށްދާނީ ކޮލަމްބޯއިން މާލެއަށް ޖެއްސުމަށްފަހުގައެވެ.
މި އަހަރުގެ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށި ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ ގިނަ ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކުރަން ޖެހުމުގެ ސަބަބުން އެމިރޭޓްސްގެ 2,000 އަށްވުރެ ގިނަ ދަތުރު ވަނީ ކެންސަލްކޮށްފައެވެ. ނަމަވެސް، މިހާރު އެ އެއާލައިނުން ދަނީ ދަތުރުތައް އާންމު ހާލަތަކަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މާޗު މަހުގެ މެދަކާ ހަމައަށް 110 އަށްވުރެ ގިނަ މަންޒިލްތަކަށް ދަތުރުތައް ވަނީ ފަށާފައެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ގާތްގަނޑަކަށް 30 އިންސައްތަ އަކީ މެދުއިރުމަތީގެ މަގުން ދަތުރުކުރާ ފަރާތްތަކެވެ.
އެމިރޭޓްސްގެ އިތުރުން، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އުފުލާ އެއް އެއާލައިން ކަމަށްވާ ގަތަރު އެއާވޭސް އިން ވެސް ވަނީ ރާއްޖެއަށް ކުރާ ދަތުރުތައް އަލުން ފަށާފައެވެ.



