ކ. އަތޮޅު ރިސޯޓަކުން ސްނޯކްލިންއަށް ގޮސް އުޅެނިކޮށް އޮޔާދިޔަ ފަތުރުވެރިޔަކު ފުލުހުން މިއަދު ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު މެންދުރުފަހު 14:26 ހާއިރު މާލެއިން ދ. ވާނީއަށް ދަތުރުކުރަމުންދިޔަ ފުލުހުންގެ ”ލޯންޗް 54“ އަށް، ކ. އަތޮޅު ރިސޯޓަކުން ސްނޯކްލިން އަށް ގޮސް އުޅުމުގެ ތެރޭގައި އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ފެނިގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި، އެ ފަތުރުވެރިޔާ ފެނިފައިވަނީ ރިސޯޓާ ގާތްގަނޑަކަށް މޭލެއްހާ ބޭރަށް އޮޔާ ގޮސްފައި ވަނިކޮށެވެ.
އެ ފަތުރުވެރިޔާ ކަނޑުމަތިން ސަލާމަތްކޮށް، ރައްކާތެރިކަމާއެކު އަނބުރާ ރިސޯޓަށް ގެންގޮސްދީފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.



