ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިސްމާޢިލް ރަޝީދު ރިޓަޔަރކުރައްވަން ނިންމެވުމާ ގުޅިގެން، ކުންފުނީގެ ހިންގުމުގެ އިސް މަގާމަށް ބަދަލުތަކެއް ގެނައުމަށް ދިރާގުން ނިންމައިފިއެވެ.
ގާތްގަނޑަކަށް 40 އަހަރު ދިރާގަށާއި ރާއްޖޭގެ ޓެލެކޮމް ދާއިރާއަށް ޚިދުމަތް ކުރެއްވުމަށްފަހު އިސްމާޢިލް ރިޓަޔާކުރައްވާއިރު، އާ ސީއީއޯ ޑެޒިގްނޭޓްގެ ގޮތުގައި ދެކުނު އެފްރިކާގެ ބޭފުޅެއް ކަމަށްވާ ވަލްޑެމާ ފެރަޑާޒް މިއަދުން ފެށިގެން ވަނީ ދިރާގާ ގުޅިވަޑައިގެންފައެވެ.
އިސްމާޢިލް ރަޝީދަކީ 1988 ވަނަ އަހަރު ދިރާގު އުފެދުނުއިރުވެސް އެ ކުންފުނީގައި މަސައްކަތް ކުރެއްވި، ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީގެ ބިންގާ އެޅުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އޭނާގެ ލީޑަރޝިޕްގެ ދަށުން ރާއްޖޭގައި ޖީއެސްއެމް މޯބައިލް ޚިދުމަތް ތައާރަފުކުރުމާއި، ސަބްމެރީން ކޭބަލް އެޅުމުގެ އިތުރުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 100 އިންސައްތަ ފައިބަރ-ޓު-ދަ-ހޯމް (އެފް.ޓީ.ޓީ.އެޗް) ކަވަރެޖް ފޯރުކޮށްދިނުމުގެ ބޮޑު މަޝްރޫއު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
އާ ސީއީއޯ ޑެޒިގްނޭޓް ވަލްޑެމާ ފެރަޑާޒް އަކީ ބައިނަލްއަގުވާމީ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ސަރވިސަސް ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. އޭނާ ވަނީ އެފްރިކާ، ޔޫރަޕް، އޭޝިއާ އަދި ކެރީބިއަންގެ އެކި ގައުމުތަކުގައި އިސް މަގާމުތައް ފުރުއްވައި، ގައުމީ ފެންވަރުގެ ޑިޖިޓަލް ތަރައްގީގެ މަޝްރޫއުތައް ހިންގަވާފައެވެ.
ދިރާގުން ހާމަކުރި ގޮތުގައި، ވަލްޑެމާ ދިރާގާ ގުޅިވަޑައިގަތުމަކީ މޯބައިލް، ފިކްސްޑް ޓެލެކޮމް އަދި އެންޓަރޕްރައިޒް މާކެޓްތަކުގައި ކުންފުނީގެ ވިޔަފާރި އިތުރަށް ހަރުދަނާކުރުމަށް ލިބޭނެ ބޮޑު ފުރުސަތެކެވެ. އޭނާގެ ތަޖުރިބާގެ އަލީގައި ދިރާގުގެ ޚިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް ކުންފުނިން އުންމީދު ކުރެއެވެ.
ދިރާގުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި އިންތިގާލީ މަރުހަލާގައި އިސްމާޢިލް ރަޝީދާއެކު ވަލްޑެމާ ގާތުން މަސައްކަތް ކުރައްވާނެ ކަމަށެވެ. ކުންފުނީގެ ބޯޑުން ނިންމާފައިވަނީ ވިޔަފާރީގެ ހިންގުމަށް އެއްވެސް މެދުކެނޑުމެއް ނާންނާނެ ގޮތަށް އަދި ކުންފުނީގެ ސްޓްރެޓެޖީތަކަށް ބަދަލެއް ނުގެނެސް މި ބަދަލުތައް ގެނައުމަށެވެ.
ކުންފުނިން އިތުރަށް ފާހަގަކުރި ގޮތުގައި، މި ބަދަލާ ގުޅިގެން ދިރާގުން އިސްކަންދޭ ކަންތައްތަކާއި، ކަނޑައަޅާފައިވާ ދިގު މުއްދަތުގެ މިސްރާބަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.




