ގައުމު ބިނާކުރުމަށް ބޭނުންވާ ހިތްވަރުގަދަ އަންހެނުން ބިނާކުރުމުގައި ގާލް ގައިޑް ހަރަކާތަކީ މުހިންމު ދައުރެއް އަދާކުރާ ހަރަކާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ގައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރި ގައުމީ ގާލް ގައިޑް ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ރާއްޖޭގެ ގާލް ގައިޑް ހަރަކާތުގެ 75 އަހަރުވީ ދިގު ތާރީޚުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ހަރަކާތުގެ އަގާއި ޚިދުމަތް ދުވަހުން ދުވަހަށް އިތުރުވަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި މިއަހަރަކީ ސަރުކާރުން ރަސްމީކޮށް ގައުމީ ގާލް ގައިޑް ދުވަހެއް ކަނޑައެޅި ފުރަތަމަ އަހަރުކަން ފާހަގަކުރައްވައި، މިއީ މި ޖަމިއްޔާއަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވި އެވެ.
ގައުމު ބިނާކުރުމާއި އިންސާނީ ވަސީލަތް ތަރައްގީކުރުން ފެށެނީ އެ ގައުމެއްގެ މީހުން ބިނާކުރުމުން ކަމަށާއި، އެގޮތުން އަންހެނުންނާއި ފިރިހެނުން ހަމަހަމަކަމާއެކު ތަރައްގީކުރަން ޖެހޭ ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ.
”ގާލް ގައިޑް ހަރަކާތަކީ ހަމައެކަނި ނަމެއް ނޫން؛ މިއީ އަންހެނުން ބިނާކުރުމަށް އޮތް ވަރަށް މުހިންމު މުއައްސަސާއެއް،“ އެކަމަނާ ވިދާޅުވި އެވެ.
ގައިޑް ހަރަކާތުގެ ތެރެއިން ކުދިންގެ ކިބައިގައި އަޚުލާގާއި، ޒިންމާދާރުކަމާއި، މަސައްކަތަށް ކަމޭހިތުމުގެ ސިފަ އަށަގަންނުވައިދޭކަން ފާހަގަކުރައްވަމުން، މި ހަރަކާތަކީ ކުދިންގެ ވިސްނުން ތޫނުކޮށް، އެހެން މީހުންނަށް އަޅާލާ ބަޔަކަށް ހެދުމަށް އެހީތެރިވެދޭ ހަރަކާތެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން ގައުމީ ބޮޑެތި މުނާސަބަތުތަކާއި ކުއްލި ހާލަތްތަކުގައި ގައިޑުން އަދާކުރާ އިސް ދައުރުވެސް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެން، އޭޝިއާ ޕެސިފިކް ރީޖަނަލް ޓްރޫޕް ލީޑަރ ޔުނިޓް އެވޯޑް 14 ގައިޑަކަށް ހަވާލުކޮށްދެއްވިއެވެ. އަދި ފަސްޓް ލޭޑީ ވަނީ ޖަމިއްޔާގެ އަހަރީ ނިއުސް ބުލެޓިންއާއި ’ކޮމިއުނިޓީ ސާވިސް ޓޫލްކިޓް‘ އިފްތިތާހުކޮށްދެއްވާފައެވެ.
ރާއްޖޭގައި 1951 ވަނަ އަހަރު ފެށި ގާލް ގައިޑް ހަރަކާތް މިހާރު ރާއްޖޭގެ 90 އަށްވުރެ ގިނަ ރަށަށް ފެތުރިފައިވާއިރު، 14,000 އަށްވުރެ ގިނަ މެންބަރުން މި ހަރަކާތުގައި ރަޖިސްޓްރީވެފައިވެ އެވެ.




