ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގެ ބުރުގައި، މުބާރާތުގައި އަލަށް ވާދަކުރި ކޭޕް ވާޑްއިން ދެއްކި ހިތްވަރުގަދަ ކުޅުމާއެކު ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ ސިއްސުވާލި ނަމަވެސް، އިތުރު ވަގުތުގެ ތެރޭގައި 3-2 އިން މެޗު ކާމިޔާބުކޮށް އާޖެންޓީނާ ވެސް މުބާރާތުގެ ގަދަ 16 އިން ޖާގައެއް ކަށަވަރުކޮށްފިއެވެ.
މިއާމީ ސްޓޭޑިއަމްގައި ރޭގައި ކުޅުނު މި ފޯރިގަދަ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން، މެޗުގެ ނަތީޖާ ނެރުނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ.
ރޭގެ މުޅި މެޗުގައިވެސް ކޭޕް ވާޑްއިން ވަނީ އާޖެންޓީނާގެ ވަރުގަދަ އެޓޭކްތައް ހުއްޓުވައި، ދުނިޔޭގެ ސަމާލުކަން ހޯދާފައެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ އާޖެންޓީނާއިންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި ލައުޓާރޯ މާޓީނޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީއެވެ.
ނަމަވެސް ހިތްވަރު އެލުވާނުލައި ކުޅެމުންދިޔަ ކޭޕް ވާޑްއިން މެޗުގެ 59 ވަނަ މިނެޓުގައި ޑެރޯއީ ޑުއާޓޭ ޖެހި ލަނޑުން ނަތީޖާ އެއްވަރުކުރިއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވީ މި ނަތީޖާގައި އޮވެގެންނެވެ. އިތުރު ވަގުތުގެ ކުރީކޮޅު ލިސަންދްރޯ މާޓީނޭޒް އާޖެންޓީނާއަށް އަލުން ކުރިހޯދައިދިން ނަމަވެސް، ކޭޕް ވާޑްގެ ސިޑްނީ ލޮޕޭޒް ކަބްރާލް 103 ވަނަ މިނެޓުގައި ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދީ އާޖެންޓީނާ ހާސްކަމެއްގެ ތެރެއަށް ވައްޓާލިއެވެ.
އާޖެންޓީނާ މެޗުން މޮޅުވީ 111 މިނެޓުގައި ކްރިސްޓިއަން ރޮމޭރޯ ބޮލުން ފޮނުވާލި ބޯޅައެއް، ކޭޕް ވާޑްގެ ޑިފެންޑަރު ޑިނޭ ބޯރްޖެސްގެ ގައިގައި ޖެހިފައި ބައިކޮށް ބޯޅަ ވަނުމުންނެވެ.




