ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ޖުމްލަ 131 ރަށު ދާއިރާއެއްގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
މިކަން ހާމަކުރެއްވީ އިންތިހާބާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕީއެންސީގެ ތަރުޖަމާނު އަދި ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، މި އިންތިހާބަކީ ވަރަށް ވާދަވެރި އިންތިހާބަކަށް ވެގެންދާނެ ކަމަށެވެ.
”މި އިންތިހާބުގެ ދާއިރާތައް ރަށު ދާއިރާތަކަކަށް ބަހާލެވިގެންދާއިރު 131 ރަށު ދާއިރާގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެ، މާނައަކީ 131 ރަށުގައި ވާދަވެރި އިންތިހާބެއް އިރާދަކުރެއްވިއްޔާ ފެނިގެންދާނެ،“ ފިރުޒުލް ވިދާޅުވިއެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ހުސްވި ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުގައި ޕީއެންސީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ޕާޓީގެ ވޯޓާސް ލިސްޓު މިހާރު ވެބްސައިޓުގައި އާންމުކޮށްފައިވާއިރު، ލިސްޓަށް ޝަކުވާ ހުށަހެޅުމާއި ރީ-ރަޖިސްޓްރޭޝަންގެ ފުރުސަތު ޕާޓީގެ ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ.
އިންތިހާބުގެ އުސޫލުތަކަށް ބަލާއިރު، ޕީއެންސީގެ ދާއިރާގެ ރައީސުން އިންތިހާބު ކުރަނީ ޕާޓީ ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނެތް ދާއިރާތަކަށެވެ. މަޖިލިސް މެމްބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންގެ މަގާމު ފުރުއްވާނީ އެ މެމްބަރުންނެވެ. ވޯޓުލުން އަތޮޅުތެރޭގެ ރަށްތަކުގެ އިތުރުން މާލޭގައި ވެސް ކުރިއަށްދާނެ ކަމަށް ޕާޓީން ބުނެއެވެ.
ދާއިރާތަކުގެ އިންތިހާބަށްފަހު، ޕީއެންސީގެ މަތީ މަޖިލިސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށެވެ.
އިންތިހާބަށް ވާންޖެހޭ އިދާރީ ތައްޔާރީތައް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް ވެސް ފިރުޒުލް ފާހަގަކުރެއްވިއެވެ.




