އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ކާޑިއޮލޮޖީ ޑިޕާޓްމަންޓަށް ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި 50,000 އަށްވުރެ ގިނަ ބަލިމީހުން ޑޮކްޓަރަށް ދައްކައި ހިދުމަތް ހޯދާފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
އައިޖީއެމްއެޗުގައި އެންމެ ފުރަތަމަ ކާޑިއޮލޮޖީ ޑިޕާޓްމަންޓުގެ ޚިދުމަތް ފެށީ، 1 ޖުލައި 2016 ގައެވެ.
ހިތުގެ ބައްޔަކީ އާސަންދައިގެ ދަށުން ރާއްޖޭގައި އެންމެ ގިނަ ބަޔަކު ފަރުވާ ހޯދަމުންދާ އެއް ބަލި ކަމަށްވާއިރު، މީގެ 10 އަހަރު ކުރިން ރާއްޖޭގައި މި ބައްޔަށް ދެވެނީ ވަރަށް މަދު ފަރުވާތަކެކެވެ. އެގޮތުން ބަލިމީހާ ސްޓޭބަލައިޒް ކުރުމަށްފަހު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުން އޭރު އޮތީ އާންމު ކަމަކަށް ވެފައެވެ. ނަމަވެސް، ރާއްޖޭގެ ފުރަތަމަ ހިތުގެ ޑޮކްޓަރު ޑރ. އަލީ ޝަފީގާއި އިންޑިއާގެ މެޑްޓްރީނާ ހޮސްޕިޓަލުގެ ޓީމަކުން ކުރި ދިރާސާތަކަށްފަހު، ގިނަ ގޮންޖެހުންތަކާއެކު ރާއްޖޭގައި ހިތުގެ ބަލިތަކަށް ފަރުވާދޭ ހާއްސަ ސެންޓަރެއް ގާއިމުކުރެވުނެވެ.
ވޭތުވެދިޔަ ދިހަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ސެންޓަރުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން 10,000 ކޮރޮނަރީ އެންޖީއޯގްރާމް، 6,000 އަށްވުރެ ގިނަ އެންޖީއޯޕްލާސްޓީ، 1,200 އަށްވުރެ ގިނަ ޕްރައިމަރީ އެންޖީއޯޕްލާސްޓީ އަދި 20,000 އަށްވުރެ ގިނަ އެކޯކާޑިއޯގްރާމް ވަނީ ހަދާފައެވެ. މިހާރު މި ސެންޓަރުން ހިތުގެ ބަލިތަކާ ގުޅުންހުރި ގާތްގަނޑަކަށް ހުރިހާ ހިދުމަތްތަކެއް ދެމުންގެންދެއެވެ.
ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެޑް އޮފް ނޭޝަނަލް ކާޑިއެކް ސެންޓަރު ޑރ.މުޙައްމަދު ޝަނީޒް ނަޖުމީ ވިދާޅުވީ، 10 އަހަރުގެ ތެރޭގައި ދިވެހީންގެ އިތުބާރު ހޯދާ ވަރަށް މަދު ޚިދުމަތެއް ފިޔަވާ ހިތުގެ ބަލިތަކާއި ގުޅިފައިވާ ހުރިހާ ޚިދުމަތްތަކެއް ކާޑިއެކް ސެންޓަރުން މިހާރު ދެމުންދާ ކަމަށެވެ.
”10 އަހަރު ސެންޓަރަށްވީމަ އަޅުގަނޑުމެން މެނޭޖްމަންޓުގެ އެހީއާއެކު މިނިންމީ އިތުރު ހަރުފަތަކަށް ޖެހިލަން. މިގޮތުން މީގެކުރިން ވަރަށް ބޮޑަށް ޕޭޝަންޓުންގެ ފަރުވާ ހަރުދަނާ ކުރުމަށް މަސައްކަތް ކުރެވިފައި ހުރީ. މިހާރު އަޅުގަނޑުމެން މަސައްކަތް މިފެށީ ސިސްޓަމް އިތުރަށް ވަރުގަދަކުރަން. ކާޑިއޮލޮޖީ ޕިރަމިޑަށް ބަލާއިރު އަޅުގަނޑުމެން ތިބީ ލެވެލް 3 ގައި. މިހާރު ސިސްޓަމް ބިލްޑިންގއާއެކު އަޅުގަނޑުމެން މިޖެހިލަނީ ލެވެލް 4 އަށް.“ ޑރ.ޝަނީޒު ވިދާޅުވިއެވެ.
މިވަގުތު ރާއްޖޭގައި ނުދެވޭ ހަމައެކަނި ފަރުވާއަކީ ހިތުގެ ވިންދާ ގުޅިފައިވާ ފަރުވާއެވެ. އަދި އޮޕަން ހާޓް ސާޖަރީ މިހާރު ކުރަނީ ހަމައެކަނި އަމިއްލަ ހޮސްޕިޓަލެއްގައި ކަމަށްވިޔަސް، އައިޖީއެމްއެޗުން މިހާރު ދަނީ އާސަންދައިގެ ދަށުން މި ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ކައިރި މުސްތަގުބަލެއްގައި އައިޖީއެމްއެޗުން އޮޕަން ހާޓް ސާޖަރީގެ ހިދުމަތް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން އުންމީދު ކުރެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އެންމެ ކާޑިއޮލޮޖިސްޓަކާއެކު ހިދުމަތް ފެށި މި ސެންޓަރުގައި މިހާރު 6 ކާޑިއޮލޮޖިސްޓުން މަސައްކަތް ކުރައްވައެވެ. އަދި މި ސެންޓަރުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީވެސް ދިވެހިންނެވެ.


