ރާއްޖޭގައި ހިމަބިހި (މީސަލްސް) ޖެހުނު މީހުންގެ އަދަދު 72 އަށް އަރައިފިއެވެ.
މި ބަލި ފެތުރެމުންދާ މިންވަރާ ގުޅޭގޮތުން ކުޑަކުދިންގެ ބަލިތަކާ ބެހޭ ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވީ، ބަލި ފެތުރެން މެދުވެރިވާ މައިގަނޑު ސަބަބަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރުން ކަމަށެވެ.
ޑރ. ފައިސަލް ފާހަގަކުރެއްވި ގޮތުގައި، ހިމަބިހި ޖެހުނު މީހުންގެ އަދަދު 70 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، އޭގެ ތެރެއިން ހަތަރު ކުޑަކުދިން ފިޔަވައި ދެން ތިބި އެންމެންނަކީ ޒުވާން އުމުރުގެ މީހުންނެވެ. ވަކިން ޚާއްސަކޮށް 15 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުން ވެކްސިންގެ ދެ ޑޯޒް ހަމަކުރުމަށް ޑޮކްޓަރު ވަނީ އިލްތިމާސް ކުރައްވައިފައެވެ.
މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ހިމަބިހި އެންމެ ގަދަޔަށް ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ މިހާރު ވަނީ ހިމެނިފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ މީހުންނެވެ. މި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ޖުމްލަ 543 ކޮންޓެކްޓުން ފާހަގަކުރެވިފައިވެއެވެ. މީގެ ތެރެއިން 173 ކޮންޓެކްޓުން މިހާރުވެސް ދަނީ މޮނިޓާ ކުރެވެމުންނެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މުޅި ރާއްޖޭގައި މިހާރު އަންނަނީ އެމްއާރް ވެކްސިން ދިނުމުގެ ޚާއްސަ ޕްރޮގްރާމެއް ހިންގަމުންނެވެ.



