ކުރީގެ ތިން ރައީސުން ބައްދަލުކޮށް ގުޅިގެން ކުރައްވަން ނިންމެވި މަސައްކަތްތައް މިވަގުތު އޮތީ މަޑުޖެހިފައި ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ތިން ރައީސުންގެ ބައްދަލުވުމަށްފަހު އެ މަސައްކަތްތައް ބާރުމިނެއްގައި ކުރިއަށް ގޮސްފައިނުވާ ކަމަށެވެ.
ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިތުރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެކުގައި މަސައްކަތް ކުރެއްވުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވައި، ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މިދިޔަ މޭ މަހުގެ 15 ވަނަ ދުވަހުގެ ރޭގައެވެ. އެ ބައްދަލުވުމަށްފަހު ކޮންމެ ރައީސަކުވެސް ވަނީ އެ ބޭފުޅެއްގެ ފަރާތްޕުޅުން މަންދޫބުންތަކެއް ކަނޑައަޅުއްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، މި މަސައްކަތަށް ނެގުނު ކޮމިޓީގެ ދެ ބައްދަލުވުމެއް ބޭއްވުނު ނަމަވެސް، އޭގެ ފަހުން އެ މަގުން ކުރިއަށް ދެވިފައި ނުވާ ކަމަށެވެ.
”ތިން ރައީސުންގެ ބައްދަލުވުމާ ގުޅިގެން ނެގުނު ކޮމިޓީއެއް. ނަގާފަ އެކޮމިޓީ 2 ފަހަރު ބަދަލުވި، ބައްދަލުވުމަށް ފަހުގައި އަޅުގަނޑުމެންނަށް އެމަގަކުން މާ ބާރަށް ކުރިއަށް ހިނގިފަައި ނެތް“ ރައީސް ނަޝީދު ވިދާޅުވިއެވެ.
މި މަސައްކަތުގައި ރައީސް ނަޝީދުގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކުރީގެ ވަޒީރު ފައްޔާޟް އިސްމާއީލާއި އީވާ ޢަބްދުﷲ އެވެ. ރައީސް ޞާލިޙްގެ ފަރާތުން އަޙްމަދު ސަލީމާއި މުޙައްމަދު ރަޝީދު ޙުސައިން ހަމަޖެއްސެވިއިރު، ރައީސް ޔާމީންގެ ފަރާތްޕުޅުން ތަމްސީލުކުރެއްވީ މުޙައްމަދު މަލީހް ޖަމާލާއި އިސްމާއީލް ޒަރިޔަންދުއެވެ.



