ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ދަރިވަރުންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން، ހިމަބިހި ފެތުރުން ކޮންޓްރޯލްކުރުމަށް ”މީސެލްސް އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން“ ގެ ނަމުގައި ހާއްސަ ވެކްސިން ޕްރޮގްރާމެއް މިއަދު އިފްތިތާޙްކޮށްފިއެވެ.
މިއީ ހެލްތު މިނިސްޓްރީއާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަފީޤު ޙަސަނެވެ. މި ރަސްމިއްޔާތުގައި އެމްއެންޔޫގެ ޗާންސެލަރ ޑޮކްޓަރ މަހްމޫދު ޝައުޤީއާއި، ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްގެ އިތުރުން އެޗްޕީއޭގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަފީޤު ޙަސަން ވިދާޅުވީ، މިވަގުތު މި ބަލި ފެތުރެމުންދާ މީހުންގެ ތެރޭގައި ގިނައީ އުމުރުން 15 އަހަރާއި 30 އަހަރާ ދެމެދުގެ މީހުން ކަމަށެވެ.
ހިމަބިއްސަކީ ހަލުވިކަމާއެކު ފެތުރޭ ބައްޔެއް ނަމަވެސް ވެކްސިން ޖެހުމުގެ ސަބަބުން މި ބަލިން ފަސޭހަކަމާއެކު ރައްކާތެރިވެވިދާނެކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
”ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ބަލިޖެހުމުގެ ފުރުސަތު %97 ކުޑަވޭ. އަދި ބަލި ޖެހުނު ކަމުގައި ވިޔަސް ބަލީގެ ނުރައްކާ ވަރަށް ބޮޑަށް ކުޑަވެގެންދޭ. މިހާތަނަށް މި ބަލި ކޮންޓްރޯލް ކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން 4,468 މީހުންނަށް ވެކްސިން ދީފައިވޭ.“ ސްޓޭޓް މިނިސްޓަރު ރަފީޤު ވިދާޅުވިއެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، މިއީ ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމަށާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ދުޅަހެޔޮ ޞިއްޙަތެއް ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ އުމުރުފުރާތަކުގެ ދަރިވަރުން ވެކްސިން ފުރިހަމަކުރުމަށް ޑރ. އިލްތިމާސްކުރެއްވިއެވެ.
މި ޕްރޮގްރާމްގެ ދަށުން މާލޭގެ ކެމްޕަސްތަކުގައި ވެކްސިން ދިނުން ކުރިއަށްދާނެއެވެ. ނަމަވެސް، ޔުނިވަރިސިޓީގެ ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ނިމުމަކާ ގާތްވެފައިވާތީ، އަތޮޅުތަކުގައި މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ގެ ފަހުންނެވެ.
ހިމަބިއްސަކީ ރާއްޖޭގައި ނައްތާލެވިފައިވާ ބައްޔެއް ނަމަވެސް، މިއަހަރުގެ މޭމަހުން ފެށިގެން ބަލީގެ ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ. އެހެންކަމުން، އެޗްޕީއޭއިން ދަނީ އާންމުން ހޭލުންތެރިކުރުމަށާއި ވެކްސިން ޖެހުމުގެ ފުރުސަތު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



