މިދިޔަ ޖޫން މަހު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ (މިފްކޯ) އަށް މަސް ކިރުވި ދޯނިތަކަށް 11.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯއިން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ މަހު ކަޅުބިލަމަހާއި ކަންނެލި ހިމެނޭހެން ޖުމްލަ 517 ދޯންޏަކުން ވަނީ މަސް ކިރުވާފައެވެ.
މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖޫން މަހު އެ ކުންފުންޏަށް ޖުމްލަ 568 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. މަސް ކިރުވި ދޯނިތަކަށް ޖުމްލަ 11,332,391 ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ ކަޅުބިލަމަސް ކިރުވި ދޯނިތަކަށް ދޫކުރި ފައިސާއެވެ.
ތަފްސީލީ ހިސާބުތަކަށް ބަލާއިރު، 196 ދޯންޏަކުން 484.4 ޓަނުގެ ކަޅުބިލަމަސް ކިރުވާފައިވާއިރު، އެ ދޯނިތަކަށް 9,326,901 ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން، 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 109 ދޯންޏަކަށް 331,440 ރުފިޔާ އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 212 ދޯންޏަކަށް 1,674,050 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މީގެ އިތުރުން މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމާއި، ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ހަރުދަނާކޮށް ހަލުވިކުރުމަށް ސަރުކާރުން އަންނަނީ ހާއްސަ އިސްކަމެއް ދެމުންނެވެ.
މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިފްކޯއިން މިހާރު ވަނީ މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށްފައެވެ.




