ވޯލްޑް ކަޕްގެ ވާދަވެރި ގަދަ 16 ގެ މެޗެއްގައި، ފަސް ތަރީގެ ބްރެޒިލް ބަލިކޮށް ނޯވޭން ބޮޑު ސިހުމެއް ގެނެސް ދީފިއެވެ.
ނޯވޭ މި މެޗު ކާމިޔާބު ކޮށްފައިވަނީ 2-1 އިންނެވެ.
މިއީ 1990 ގެ ފަހުން، ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލް މިހާ އަވަހަށް މުބާރާތުން ވަކިވާން ޖެހުނު ފަހަރެވެ. އަދި އާލިން ހާލަންޑް ޖެހި ދެ ގޯލާ އެކު، ނޯވޭން ވަނީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.
ނިއު ޔޯކްގެ ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ކުރީކޮޅު ލީޑު ނަގަން ބްރެޒިލަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ވީއޭއާރުން ބެލުމަށްފަހު އެ ޓީމަށް ދިން އެ ޕެނަލްޓީ، ބްރޫނޯ ގިމަރޭސް ފޮނުވާލުމުން ނޯވޭގެ އުމުރުން 35 އަހަރުގެ ކީޕަރު އޮރްޔަން ނީލަންޑް ވަނީ ހުޝިޔާރުކަމާ އެކު ދިފާއުކޮށްފައެވެ.
ވާދަވެރި މެޗުގެ ނަތީޖާއަށް ބަދަލު އައީ މެޗުގެ 79 ވަނަ މިނެޓުގައި ނޯވޭން ލީޑު ނެގުމުންނެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި އެންޑްރިއަސް ސެލްޑަރަޕް ނަގައިދިން ހުރަހަކުން ހާލަންޑް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.
މެޗުގެ 89 ވަނަ މިނެޓުގައި ހާލަންޑް ވަނީ އިތުރު ގޯލެއް ޖަހައި ނޯވޭ އަށް މޮޅު ކަށަވަރުކޮށް ދީފަ އެވެ. އޭނާ އޭރިއާ ބޭރުން ފޮނުވާލި މި ބާރު ހަމަލާ، ގޯލަށް ވަނީ ޑެނީލޯގެ ފައިދަށުން ގޮހެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބްރެޒިލްގެ ކާލޯސް ކަސެމީރޯ އަށް ނޯވޭގެ ލިއޯ އޮސްޓިގާޑް ފައުލް ކުރުމުން ބްރެޒިލަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަނިޔާގައި އެތައް ދުވަހަކު އުޅުމަށް ފަހު އެނބުރި އައިސް ހުރި ބްރެޒިލްގެ ތަރި ނޭމާ އެވެ.



