ހިމަބިހިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ފަށާފައިވާ ވެކްސިން ދިނުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 4،000 އަށްވުރެ ގިނަ މީހުން ވެކްސިން ޖަހައިފިއެވެ.
މިއަހަރުގެ މޭ މަހުން ފެށިގެން ރާއްޖޭގައި ހިމަބިހި ނުވަތަ މީސަލްސްގެ އައުޓްބްރޭކެއް ފާހަގަކުރެވިފައިވާއިރު، މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 72 އަށް އަރާފައެވެ.
ހިމަބިހި ފެތުރުން ކޮންޓްރޯލްކުރުމަށް އެމްއެންޔޫން އިސްނަގައިގެން އާދީއްތަ ދުވަހު ފެށި ”މީސަލްސް އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން ޕްރޮގްރާމް“ އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަފީޤު ޙަސަން ވިދާޅުވީ، އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން ޕްރޮގްރާމްގެ ދަށުން މިހާތަނަށް 4,468 މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ. މީގެ ތެރޭގައި ބަލިޖެހުނު މީހުންނާ ބައްދަލުވި މީހުން (ކޮންޓެކްޓުން) އަދި ސިއްޙީ ޚިދުމަތްތެރިން ހިމެނެއެވެ.
ސްޓޭޓް މިނިސްޓަރ އިތުރަށް ވިދާޅުވީ ވެކްސިންގެ 2 ޑޯޒް ޖެހުމަކީ ބަލިން ރައްކާތެރިވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށާއި، 2 ޑޯޒް ޖަހާފައިވާކަން ކަށަވަރުނުވާނަމަ އިތުރު ޑޯޒެއް ޖެހުމަކީ މުހިންމު ކަމެއް ކަމަށެވެ.
އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ، ޑރ. އަޙްމަދު ފައިސަލް ވެސް ވަނީ ހިމަބިހީގެ ނުރައްކާ އެންމެ ބޮޑީ 15 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނަށް ކަމަށް ވިދާޅުވެ، ވެކްސިން ފުރިހަމަކުރުމަށް ބާރުއަޅުއްވާފައެވެ.
މާލޭގައި ވެކްސިން ޖަހައިދޭ މަރުކަޒުތައް
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި މާލޭގެ ތިރީގައިވާ މަރުކަޒުތަކުން ކަނޑައެޅިފައިވާ ގަޑިތަކުގައި ވެކްސިން ޖެހޭނެއެވެ:
- އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރ
- ހުޅުމާލެ ހޮސްޕިޓަލް
- ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް
- ވިލިމާލެ ހޮސްޕިޓަލް
- އޭޑީކޭ ހޮސްޕިޓަލް
- ޓްރީޓޮޕް ހޮސްޕިޓަލް
އަތޮޅުތަކުގައި ވެކްސިން ދިނުމުގެ ޚިދުމަތް ކުރިއަށްދާނީ އެ އަތޮޅެއްގެ ޞިއްޙީ މަރުކަޒުތަކުން އިޢުލާންކުރާ ތާވަލަކާ އެއްގޮތަށެވެ.
ހިމަބިއްސަކީ ވަރަށް ފަސޭހައިން ވައިގެ ޒަރީޢާއިން ފެތުރޭ ބައްޔަކަށްވާއިރު، މި ބަލި 2017 ވަނަ އަހަރު ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް އިޢުލާންކުރި ނަމަވެސް، ފަހަކަށް އައިސް އެކި ދުވަސްވަރު މި ބަލީގެ ކޭސްތައް ދަނީ ފެންނަމުންނެވެ.


