ހއ. ހޯރަފުށީ ހުޅަނގު ފަރުމައްޗަށް މަރުވެފައި އޮތް ބޮޑުމަހެއް ލައްގައިފިއެވެ.
ހޯރަފުށި ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި، ލައްގާފައިވަނީ ގާތްގަނޑަކަށް 30 ފޫޓު ހުރި ބޮޑުމަހެކެވެ.
ކައުންސިލުން ބުނީ، ފަރުމައްޗަށް ލައްގާފައި އޮތް އެ މަސް ގޮނޑުދޮށަށް ނެގުމަށްފަހު މިހާރު ވަނީ ވަޅުލާފައެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ގިނަ މުއައްސަސާތަކެއްގެ އެހީތެރިކަމާއެކުގައެވެ.

މި މަސައްކަތުގައި ހޯރަފުށީ ކައުންސިލްގެ އިތުރުން، ހޯރަފުށީ ޕޮލިސް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް އަދި އެމްޓީސީސީ ހޯރަފުށީ ސައިޓްގެ މުވައްޒަފުން އަމަލީ ގޮތުން ބައިވެރިވެފައިވެއެވެ.
މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމަށް ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި އެމްޓީސީސީ އަދި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ދެއްވި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި އެ ރަށު ކައުންސިލުން ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށަށް މީގެކުރިންވެސް މިގޮތަށް މަރުވެފައި ހުންނަ ބޮޑުމަސް ލައްގާފައިވެއެވެ.



