ގަދަ 16 ގައި އެމެރިކާ 4-1 ން ބަލިކޮށް، ބެލްޖިއަމް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މި ބައްޔާއެކު މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާ އަށް ވަނީ މިހާހިސާބުން މި މުބާރާތް ނިމިފައެވެ.
މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ބެލްޖިއަމުން ނެވެ. މެޗުގެ 9 ވަނަ މިނެޓުގައި މި ގޯލު ޖަހައި ދިނީ ޗާލްސް ޑެ ކެޓެލެއާ އެވެ. ނަމަވެސް އެމެރިކާގެ މާލިކް ޓިލްމަން ހިލޭ ޖެހުމަކުން މެޗުގެ 31 ވަނަ މިނެޓުގައި ގޯލެއް ޖަހައި ނަތީޖާ އެއްވަރުކުރިއެވެ. މި ބޯޅަ ގޯލަށް ވަނީ ބެލްޖިއަމްގެ ކީޕަރު ޓިބޯ ކޯޓުއާ އަށް އޮޅުވާލުމަށްފަހުއެވެ.
އެމެރިކާއިން ނަތީޖާ އެއްވަރުކުރިތާ ދެ މިނެޓު ވެސް ނުވަނީސް ބެލްޖިއަމުން އަލުން ލީޑު ނެގިއެވެ. ލިއަންޑްރޯ ޓްރޮސާޑް ނަގައިދިން ހުރަހަކުން ބޮލުން ފޮނުވާލައިގެން ބެލްޖިއަމްގެ ދެވަނަ ގޯލު ވެސް ޖަހައިދިނީ ޑެ ކެޓެލެއާ އެވެ.
ދެވަނަ ހާފުގައި ބެލްޖިއަމުން އިތުރު ދެ ގޯލު ޖެހި އެވެ. މެޗުގެ 57 ވަނަ މިނެޓުގައި އެމެރިކާގެ ކީޕަރު މެޓް ފްރީޒް ހެދި ގޯހެއްގެ ފައިދާ ނަގައި ބަދަލު ކުޅުންތެރިޔާ ހާންސް ވަނާކެން ބެލްޖިއަމްގެ ތިންވަނަ ގޯލު ޖެހި އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ރޮމެލޫ ލުކާކޫ ވަނީ ބެލްޖިއަމްގެ ހަތަރުވަނަ ގޯލު ޖަހައި އެމެރިކާ މުޅިން މާޔޫސްކޮށްލާފައެވެ.
މި މެޗު ފެށުމުގެ ކުރިން ބޮޑު މައްސަލައެއް ވެސް ފެންމަތިވި އެވެ. އެއީ ކުރީ މެޗުގައި އެމެރިކާގެ ފޮލަރިން ބަލޯގަން އަށް ދެއްކި ރަތް ކާޑުގެ ސަބަބުން ދިން ސަސްޕެންޝަން ފީފާއިން ކުއްލި ގޮތަކަށް ފަސްކުރި އެވެ. ރިޕޯޓްތައް ބުނާގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ގުޅުއްވައި މި އަދަބު މުރާޖައާ ކުރުމަށް އެދިވަޑައިގަތެވެ.
ބެލްޖިއަމްގެ ފުޓްބޯޅަ އެސޯސިއޭޝަނުން މައްސަލަ އިސްތިއުނާފު ވެސް ކުރި އެވެ. އެކަމަކު ފީފާއިން ނިންމީ، ކުރިން ވެސް ނިންމާފައިވާ ގޮތަށް ބަލޯގަން އަށް މި މެޗު ކުޅުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ.




